Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ރާއީގެ ދައުވަތު އިމްރާނަށް: އެމްޑީޕީ އަށް ވަޑައިގަންނަވާ!

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

އެމްޑީޕީ އަށް ވަޑައިގަތުމުގެ ދައުވަތު މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ދެއްވައިފިއެވެ.

ރާއީ މި ދައުވަތު އިމްރާނަށް ދެއްވީ ވަޒީރުންނާ ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައެވެ. ރާއީ އަކީ މީގެކުރިން އިމްރާންގެ އިތުބާރު ނެތްކަމަށް ވެސް ވިދާޅުވި މެމްބަރެކެވެ.

އެގޮތުން ރާއީ މިއަދު ވިދާޅުވީ އިމްރާންގެ މަސައްކަތް ވަރަށް ގާތުން ބަލައިގަންނަ ކަމަށާއި އަމިއްލަ ޕާޓީގެ ފިކުރަށް ވުރެ އެމްޑީޕީގެ ފިކުރަށް އިސްކަންދީގެން މިނިސްޓަރުގެ މަސައްކަތް ބައްޓަންކޮށްފައިވާތީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެންމެ އަވަހަށް ދެކެން ބޭނުންވަނީ އިމްރާން އެމްޑީޕީ އަށް ސޮއިކުރާނެ ދުވަހަކަށް ކަމަށާއި އެންމެ ފުރަތަމަ އެކަމަށް މަރުހަބާ ކިޔާނެ ފަރާތަކީ އޭނާ ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީގެ މި ވާހަކަތަކަށް ޖަވާބެއް ދެއްވުމަށް އިމްރާނަށް ފުރުސަތު ދެއްވުމުން ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި މަސައްކަތް ކުރަމުންދަނީ އެއް އަމާޒަކަށް، އެއް ވިސްނުމަކަށް އެއް ނަތީޖާ އެއް ހާސިލުކުރުމަށް ކަމަށެވެ. އަދި ކުރިއަށްދަނީ އޭނާ ނިސްތަބްވާ ޕާޓީގެ މެނިފެސްޓޯ އާއި ސަރުކާރު ހިންގާ މެނިފެސްޓޯ އަކީ އެކައްޗެއް ކަމަށް ބަލައިގެން ކަމަށާއި ނަތީޖާ ހާސިލުކުރާނީ އެންމެން އެކުގައި ކަމަށް އިމްރާން ވިދާޅުވިއެވެ.

"މި ނަތީޖާ އިން ދިވެހި ރައްޔިތުންނަށް އުފާފާގަތިކަން، ހޯދައިދިނުމުގެ އުފާ ލިބޭނީ އެންމެން އެކުގައި. މިހުރީ އެކަމުގައި ހުރިހާ ބޭފުޅުންނާއެކުގައި ކުރިއަށް ދިޔުމަށް ތައްޔާރަށް" އިމްރާން ވިދާޅުވިއެވެ.

ރާއީ މި ދައުވަތު އިމްރާނަށް ދެއްވިއިރު ސަރުކާރު ކޯލިޝަނުގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލުވާންޖެހޭ ކަމަށް އޭނާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.