މާރާމާރީތައް ގިނަވަގެން އުޅެނީ މަސްތުވާތަކެތި ޑީލް ކުރުމުގައި ދިމާވެފައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާރާމާރީތައް ގިނަވެފައިވާއިރު، ދާދިފަހުން އައްޑޫ ސިޓީ ހިތަދޫގައި ޒުވާނަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. އެގޮތުން އެ މާރާމާރީގައި އެ ޒުވާނާގެ ދެ އިނގިލި ވަނީ ބުރިކޮށްލާފައެވެ.
މާރާމާރީތައް ގިނަވެގެން އުޅޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މިކަމުގެ ފަހަތުގައި އެންމެ ބޮޑަށް އުޅެނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ. އެގޮތުން މަސްތުވާތަކެތި އެތެރެ ކުރުމާއި އަދި ޑީލް ކުރުމުގައި ދިމާވެފައި ހުރި މައްސަލަތަކެއްގެ ސަބަބުން އޭގެއިން ނިކުންނަ ނަތީޖާތަކާއި މިހާރު ހިނގަމުންދާ މާރާމާރީތަކާ ވަރަށް ބޮޑަށް ގުޅުން އެބައޮތް ކަމަށް އިމްރާން ވިދާޅުވިއެވެ.
"އެކަން ބަލައި، ދިރާސާކޮށް އަދި އެޔާއި މެދު އަޅަން ހުރި ފިޔަވަޅުތައް ދަނީ އެޅޭތޯ ބަލަމުން" އިމްރާން ވިދާޅުވިއެވެ.
ފާއިތުވި ދުވަސްތަކުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެގޮތުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 98 ކިލޯގެ މަސްތުވާތަކެތި އަދި ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ.
ނަމަވެސް މި އޮޕަރޭޝަންތަކާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.