Last Updated: March 29, 06:12
Friday, March 29, 2024
ވިޔަފާރި

ޓޫރިސްޓުން އައި އަދަދު 56 ޕަސެންޓަށް އިތުރުވެއްޖެ

ބޯޑަރު ހުޅުވި ދެވަނަ މަހާ އަޅާބަލާއިރު ތިންވަނަ މަހު ޓޫރިސްޓުން އައި އަދަދު 56 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15 ދުވަހު އެވެ.

އިމިގްރޭޝަނުން ބުނީ ބޯޑަރު ހުޅުވިތާ ތިން މަސް ވެފައިވާއިރު، 27،217 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި ތިންވަނަ މަހުގައި ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް 56 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ބޯޑަރު ހުޅުވިތާ ތިންވަނަ މަހު ރާއްޖެ އަށް ވަނީ 8350 ފަތުރުވެރިން އައިސްފައިވާ ކަމަށްވެސް އިމިގަރޭޝަނުން ބުނެއެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އިންނެވެ. އަދި ޔޫއޭއީ، އެމެރިކާ، ޔޫކޭ، އަދި ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި މިސްރުން ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުވަމުން އަންނައިރު، ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަލުން ހުޅުވާފައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވާއިރު އެރަށްތަކުގައި ދިރިއުޅޭ މީހުން މާސްކު އަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.