Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ކޮރަޕްޝަންގެ މާނަ ޕީޖީ އޮޅުވާލައިފި: ޖަމީލު

ކޮރަޕްޝަންގެ މާނަ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު އޮޅުވާލާފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލުމުންނެވެ.

އެކަމާ ގުޅިގެން ޖަމީލު ވިދާޅުވީ ހުރިހާ ހެއްކެއް އެބަހުރި ކަމަށާއި މާލިއްޔަތު ޤާނޫނާ ކަނޑައެޅިގެން ޚިލާފަށްކަން އޮތީ ފެންނަން ކަމަށެވެ. އަދި ޕީޖީގެ އިންކާރަކީ މިވައްކަން ފޮރުވަން އެހީތެރިވެދިނުން ނޫންތޯ ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.

"އޭޖީ ރިއްފަތުގެ ލަފާވެސް އާދަޔާ ޚިލާފު. މަޤާމުގެ ނާޖާއިޒް ބޭނުން ހިފުމާއި ކޮރަޕްޝަންގެ މާނަ ޕީޖީ އޮޅުވާލައިފި" ޖަމީލު ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލަ އަނބުރާ ފޮނުވާލުމާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި އޭސީސީން ކުރި ތަހުގީގުގެ ފެންވަރު ދަށެކޭ ވެސް އަދި ރަނގަޅެކޭ ވެސް ނުދަންނަވާނެ ކަމަށާއި މި ނިންމުން ނިންމީ އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އަދި ވެންޓިލޭޓަރުގެ މައްސަލައިގައި ގޯހެއް ހަދާފައިވާކަން އެނގުނު ނަމަވެސް، ކޯޓަކަށް މައްސަލައެއް ވެއްދޭނީ ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަވެގެން ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. އަދި މީގެކުރިން ދައުވާ ކުރަން ފޮނުވުމުގެ ކުރިން އޭސީސީން ދުރާލައި ޕީޖީ އޮފީހާއި މަޝްވަރާ ކުރާ ކަމަށާއި ނަމަވެސް މި މައްސަލައިގައި އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.