Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ޔައުގޫބު މަޖިލީހަށް ވަޑައިގެންނެވުން ހުއްޓުވުމުގެ އަމުރެއް ނުދިން

ދާންދޫ ދާއިރާއިގެ މެމްބަރު ޔައުގޫބު އަބްދުﷲ - ފޮޓޯ: މަޖިލިސް

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުން ހުއްޓުވައި ދިނުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅަފައި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ މިއަދު އެ ކޯޓުގައި ކުރިއަށްދިޔަ ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަން ކަނޑައަޅައިދިނުމުގެ ޝަރީއަތުގެ މަޖިލީހުގައި އެވެ. ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް މައްސަލަ ހުށހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއެވެ.

މި އަމުރު ނެރެދިނުމަށް އެދުނު ނަމަވެސް މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުން އެންގީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށާއި ސަބަބަކީ އެއީ ޔައުގޫބަށް އޭނާގެ މެންބަރު ކަމުގެ ހައްގު ހަނިވާނެތީ ކަމަށެވެ.

ޔައުގޫބުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިމިވަނީ ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސުމާއި ގުޅިގެންނެވެ.

ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުރެ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. ގާނޫނީ ވަކީލުން މިކަން ފާހަގަކުރަން ފެށުމާއެކު ޔައުގޫބު ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ.

ހަލީމް ވަނީ މީގެކުރިން ވެސް މަޖިލީހުގެ ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އޭރު އޭނާ ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މިހާރު ލީޑަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒުގެ ގޮނޑީގެ މައްސަލައެވެ. އެ މައްސަލަ ހުށަހެޅުއްވީ ގެރެންޓީ ދެއްވި ލޯނަކަށް ފައިސާ ނުދެއްކި މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އެ ދެ ބޭފުޅުންގެ ވެސް ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެވެ.