Last Updated: April 26, 23:00
Friday, April 26, 2024
ވިޔަފާރި

އުރީދޫ ސުޕަނެޓު ވިލިމާލެ އަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ކ.ވިލިމާލެ އަށް ތައާރަފްކޮށްފިއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫގެ ތަސައްވަރާ އެއްގޮތުގެ މަތިން ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާ ކަމަށެވެ.

އަދި ހާއްސަކޮށް މި ދަނޑިވަޅަކީ އާންމު ދިރިއުޅުމުގެ ކަންކަމާއި ކުންފިނިތަކުންދޭ ހިދުމަތްތައްވެސް ޑިޖިޓަލް ޒަރިއްޔާތަކަށް ބަރޯސާވާލެއް އިތުރުވެފައިވާ ދުވަސްވަރަކަށްވުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަރު ރަނގަޅު ހައި ސްޕީޑް އިންޓަރނެޓް ވަނީ ވަރަށް މުހިންމު ވެފައި ކަމަށް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ވިލިމާލޭގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއެކު އިންޓަރނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން" ނިޔާޒު ވިދާޅުވިއެވެ.

އުރީދު މޯލްޑިވްސްއިން ދާދި ފަހުން އުރީދޫ ސުޕަރނެޓް ޕެކޭޖްތަކައް ވަނީ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

މިގޮތުން ވިލިމާލޭގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.