Last Updated: April 24, 09:15
Wednesday, April 24, 2024
ޚަބަރު

މަލީހަކީ ވަޅުދިޔަ ހިއްކާ ވަޒީރު: ބޮންޑޭ

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލަކީ ވަޅުދިޔަ ހިއްކާ ވަޒީރު ކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިިމް ރަޝީދު (ބޮންޑޭ) ވަރަށް ބޮޑަށް އޭނާ އަށް ފާޑު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮންލައިން ޕޭމަންޓް ސިސްޓަމްގެ ބިލަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ރާއްޖޭގައި މި ނިޒާމު ހަރުދަނާ ގޮތެއްގައި ހިންގުމަށް އިންޓަނެޓްގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަންޖެހޭ ކަމަށާއި އިންޓަނެޓް ސްލޯވުމަކީ ގިނަ ރައްޔިތުންގެ ޝަކުވާއެއް ކަމަށެވެ.

އަދި އިންޓަނެޓް މެދުވެރިކޮށް ނުވަތަ ޕޭމަންޓް ގޭޓްވޭ ހިދުމަތް މެދުވެރިކޮށް ދުނިޔޭގެ އެކި ތަންތަނުގައި ތިބޭ ފަރާތްތަކާއި ވިޔަފާރީގެ މުއާމަލާތް ހިންގާއިރު އިންޓަނެޓްގެ ސްޕީޑް މުހިއްމު ކަމަށާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޑޮމެސްޓިކް ކޭބަލްތައް ގުޅިފައިވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ދާދިފަހުން ވަޒީރަކު އަރާ، ވަޅުދިޔަ ހިއްކާ ވަޒީރެއް އެއީ. އަރާ ބުނުއްވީ މުޅި ރާއްޖެ އަށް ފައިބަރ އޮޕްޓިކް ކޭބަލް ގުޅައިފީމޭ. ކޮންތާކަށްތޯ ގުޅީ؟ ކޮން ރަށެއްގަތޯ؟ ވަޅަށް ގުޅާފައި ހުރީ ފައިބަރ އޮޕްޓިކް ކޭބަލް" މަލީހު ވަޅުދިޔަ ހިއްކަން އެރި ވަޑައިގެން އޮންނެވި ވީޑިއޯ އަށް އިޝާރާތް ކުރައްވާ ބޮންޑޭ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކޮންމެ ވުޒާރާއަކާ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށާއި އަދި ކޮމިއުނިކޭޝަން މިނިސްޓްރީ އަށް ކަންތައްތަކެއް ކުރަން އަންގައި މަޖިލީހުން މިދިޔަ ޖޫން މަހު ގަރާރެއް ފާާސްކޮށްފައިވާއިރު އެ ގަރާރުގައިވާ ކަންތައްތައް ވެސް އެ މިނިސްޓްރީންކޮށްފައި ނުވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އަދި ކޮމިއުނިކޭޝަން މިނިސްޓްރީ އަކީ ވަޅުދިޔަ ހިއްކާ ވުޒާރާއެއްގެ ގޮތުގައި ސިފަކުރައްވާ ބޮންޑޭ ވަނީ ޕޭމަންޓްތަކަށް ރައްކާތެރިކަން ދެވޭނީ ސައިބާ ސެކިއުރިޓީ ގާނޫނާއި ޑޭޓާ ރައްކާތެރި ކުރުމުގެ ގާނޫނުތައް ވުޖޫދަށް ގެނެސްގެން ކަމަށާއި އެހެންކަމުން އެކަމާ ގުޅޭ ބިލުތައް ފޮނުވައިދިނުމަށް އެދިފައެވެ. އޭރުން އިންޓަނެޓާއި އެހެނިހެން ހިދުމަތްތައް ވެސް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން މި ތިބީ ފައިސާ އަށް ޖެހިފައި، ރައްޔިތުން މި ތިބީ ވިޔަފާރި ނުކުރެވިފައި. ތިބިއިރު ވަޅަށް އެރިތޯ އޮންނަންވީ؟ ޑޭޓާ ޕްރައިވެސީ އެކްޓެއް ނެތް. ސައިބާ ސެކިއުރިޓީ އެކްޓެއް ނެތް. ބޭންކްތަކުން އެގޮތް މިގޮތުން ލީކުވަނީ" ބޮންޑޭ ވިދާޅުވިއެވެ.