Last Updated: August 18, 19:12
Monday, August 18, 2025
ޚަބަރު

ހިޖުރަ ކުރާ ދޫނި ހިފާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އީޕީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިދުވަސްވަރަކީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށާއި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" ގެ ދަށުން ހެދިފައިވާ "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތައް ކަމަށެވެ.

ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، އެކަމާ ކަންބޮޑުވާ ކަމަށް އީޕީއޭ އިން ބުނެއެވެ.

މިގޮތުން، ފުޓްބޯޅަ ދަނޑުތަކުގައިއާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ ލިބެމުންދާތީވެ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށް އީޕީއޭ އިން ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި، ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއ ބަދަލު ހޯދުމުގެ ގަވާއިދު" އާއި "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" ގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޙިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން މި އެޖެންސީން އަންގާ އެންގުންތަކާއި، މި ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދިނުމަށް އީޕީއޭ އިން ވަނީ އެދިފައެވެ.