Last Updated: August 18, 19:12
Monday, August 18, 2025
ޚަބަރު

ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ނިމެނީ

ހދ. ކުޅުދުއްފުށީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ މި މަހުގެ 30 ގައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގައި މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކެނޑުން ހިމެނޭއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުންވެސް ހިމެނެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ބަނދަރުގައި ފެރީޓާމިނަލެއް އިމާރާތް ކުރުމަށާއި، ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިލް ފިހާރަތަކާއި ނަމާދުކުރާތަނެއް އަދި ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ތަރައްޤީ ކުރުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މަސް މާރުކޭޓެއް ހެދުމާއި މަސްކެނޑާތަނެއް ހެދުމާއި މަސްވެރިނަށް ފާހާނާއާއި ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުމާއި ސްޓޯރާއި ފައިސާ ކައުންޓަރުތައްވެސް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރުތައް ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ކުޅުދުއްފުށީ ބަނދަރު ބޮޑުކުރަން ހިންގާ 126 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.