ގައުމުގެ މުސްތަގުބަލު ބިނާކުރާނީ ޒުވާނުންގެ ބަސް ހިމަނައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ރައީސް ސޯލިހުގެ އެ ޓްވީޓުގައި ވިދާޅުވީ ގައުމުގެ ހުންގާނުގައި ހިފައިގެން ގައުމު ކުރިއަށް ގެންދަން ތިބި ބަޔަކީ ޒުވާނުން ކަމަށާއި ދައުލަތުގެ ޒިންމާ އަކީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުތައް ދައްކާލުމަށް ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށެވެ.
އެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުމާއެކު ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ޒުވާނުންގެ ބަސް ހިމަނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ޒުވާނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ މި ދުވަސް ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ފާހަގަކުރުމަށް ނިންމާފައެވެ.
އޮކްބޫބަރު މަހުގެ 22 ވަނަ ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ނިންމީ އެ ދުވަހަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލަޔަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަސް ކަމަށް ވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.