އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އަށް ފިޔަވަޅު އަޅަން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ނިންމައިފިއެވެ.
ހަޔާ އެޑިއުކޭޝަނުން މިގޮތަށް ނިންމީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ، އަދި 2019 ވަނަ އަހަރުގެ އޭޕްރިލްއިން ފެށިގެން މިއަހަރުގެ އޮކްޓޯބަރާއި ދެމެދުވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ އެވެ.
"ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއިއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅުއަޅަން ނިންމަމެވެ" އަޅަން ނިންމި ފިޔަވަޅުގެ ތަފްސީލެއް ހާމަނުކޮށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އޭއޭއޭ އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ތަނަކަށްވާއިރު، އެ މިނިސްޓްރީން ބުނީ އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާ އަދި އެ އެކަޑަމީގެ ސްޓޫޑެންޓް ޔުނިއަންގެ ފަރާތުން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.
"ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމުގައި ހުރި ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ލިބިފައިނުވާތީ، މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އޭޝިއަން އެކަޑަމީގައި ކިޔަވާ 96 ދަރިވަރުންގެވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީޚަކުން ފެށިގެން 6 މަސްދުވަހަށް މިހާރުވާނީ އިތުރުކޮށްދީފައެވެ" މިނިސްޓްރީން ބުނެއެވެ.
މި އެކަޑަމީގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއްވެސް ހިމެނޭތީ، އެ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން، މިއަދުން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި އެ އެކަޑަމީގައި ކިޔަވަމުންދާ 96 ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ދަރިވަރުންގެވެސް ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު މިމިނިސްޓްރީއަށް ހުށަހަޅާ، މިމިނިސްޓްރީއިން އެ ޕްލޭން ތަންފީޒުކުރުމާއި ގުޅޭ ހުއްދަ ހޯދައިގެން ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި އެ އެކަޑަމީއިން ހުށަހަޅާ ޕްލޭންއެއް ކުރިއަށް ގެންދިއުމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެވޭނެ ކަމަށާއި މި ޕްލޭންއާ އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކަޑަމީގައި އެންރޯލްނުކުރެވޭނެކަންވެސް މިނިސްޓްރީން ވަނީ އެ ސްކޫލަށް އަންގާފައެވެ.
މީގެއިތުރުން ސިވިލް އޭވިއޭޝަނުން އޮކްޓޯބަރު މަހު ފުރިހަމަ ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަންސް ބަދަލުކުރުމަށާއި، އަދި ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށާއި، އެއްވެސް އެއަރކްރާފްޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ، އެކަމެއް އަވަހަށް ހައްލުކޮށް، ނުވަތަ ދަރިވަރުންގެ އަތުން ނެގޭ ފީ އިތުރު ނުވާނެހެން، ގަވާއިދުތަކުގެ ތެރެއިން އެހެން އެއަރކްރާފްޓެއް ބޭނުންކޮށްގެން ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރުއެއް ނާންނަގޮތަށް ކުރިއަށްގެންދިއުމަށްވެސް މިނިސްޓްރީން ވަނީ ސްކޫލަށް އަންގާފައެވެ.
"މި އެކަޑަމީއިން ދަރިވަރުންގެ އަތުން ފީ ނަގަމުންދަނީ ބޭރު ފައިސާއިން ކަމުގައިވާތީ، މިއީ މަނިޓަރީ ގަވާއިދާއި ހިލާފުކަމަށްވާތީ، މިކަން ނުކުރުމަށްވެސް އެފަރާތަށްވާނީ އަންގާފައެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަކީ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ބަލަދުވެރި ފަރާތްކަމުން، އެއްވެސް ދަރިވަރެއްގެ ހައްގެއް ގެއްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން ޒިންމާދާރުކަމާއިއެކު މި ދަރިވަރުންގެ ޕްރޮގްރާމް ފުރިހަމަކޮށްދިނުމާއި، ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމަށް އެ އެކަޑަމީއަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.