Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ފުލުހުންގެ ހުއްދަނެތި އެއްވެ އުޅެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

އެމްޑީއެންއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގައި ބަޔަކު ބެނާތަކެއް ހިފައިގެން -- ފޮޓޯ / ސަން

ފުލުހުންގެ ހުއްދަނެތި އެއްވެ އުޅެވޭ ގޮތަށް، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލަމާތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

އިއްޔެ ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި ވަނީ އެއްވެ އުޅެވޭނީ ފުލުހުންގެ ހުއްދަ ލިބޭ ތަންތަނަށް ކަމަށް ބަޔާންކޮށް އެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މާއްދާ އުވާލުމަށް ފާސްކޮށްފައެވެ. އެ މާއްދާ އުވާލަން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ހުށަހެޅުއްވި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ.

އެ މާއްދާ އުވާލުމަށްފަހު ކޮމިޓީން ނިންމީ ޤައުމުގެ ސަލާމަތަށްޓަކައި އެއްވެ އުޅުން މަނާ ސަރަޙައްދުތަކެއް ކަނޑައެޅުމަށެވެ. އޭގެ ތެރޭގައި ދައުލަތުން ޚިދުމަތް ފޯރުކޮށްދޭ އިމާރަތްތައް ހުންނަ ސަރަޙައްދުތަކާއި، ޖަލު ފަދަ ތަންތަން ހިމެނެއެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައި އިސްލާހުގައި ބުނާ ގޮތުން، ވެރިކަން ކުރާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއްވެސް ބޭއްވޭނީ ފުލުހުން ދޭ ހުއްދައަކާއެކު ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ.

ނަމަވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ވިދާޅުވެފައި ވަނީ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް މިނިވަންކަމާ އެކު އެއްވެ އުޅުމާ ބެހޭ ގާނޫނަށް ނިމިދިޔަ ސަރުކާރުން ގެނައި އިސްލާހު އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރުއަރާނެ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށެވެ.