މުވައްޒަފަކު އޮފީހަށް ނިކުތުން މަނާ ކުރާތާ 24 ގަޑިއިރުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އެކަން އެންގުމަށް އެދިއްޖެ އެވެ.
ސީއެސްސީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ސިވިލް ސާވިސް ގަވާއިދުގެ 258 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތްތަކުގައި މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިކަން 24 ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.
އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ އޮފީހަށް ނިކުތުން މަނާ ކުރެވޭނީ މައްސަލައެއް ބަލަމުން ދާއިރު ހެކި ނައްތާލަން މަސައްކަތް ކުރުމާއި އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ހޯދަން އަންނަ މީހުންނަށް ސީދާ ގެއްލުން ކުރިމަތިވެދާނެ ފަދަ ހާލަތްތަކުގައި ކަމަށެެވެ.
އެ މާއްދާގައި އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް ބައެއް އިދާރާ އިން އެގޮތަށް އަމަލު ނުކުރާ ކަމަށް މިއަދު ނެރުނު ސާކިއުލާގައި ވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށާއި މިފަދަ ކަންކަމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު އިދާރާތަކުން ފިޔަވަޅު އަޅަމުން ގެންދިޔުމަށް ވެސް ވަނީ އަންގާފައެވެ.