Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ފުވައްމުލަކު ބަންޑާރަ ކިޅީގެ ހަޓްތަކަށް ގެއްލުން ދީފި

ފުވައްމުލަކު ބަންޑަރަ ކިޅީގައި ވާ ހަޓުތަކަށް ބަޔަކު ގެއްލުންދީފިއެވެ.

ފުވައްމުލަކު ނޭޗާ ޕާކުން ބުނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބަޔަކުވަނީ ބަންޑާރަ ކިޅި ބޯރޑްވޯކްގެ ހަޓްގެ އެއް ފަރާތުގެ ރެއިލިންގތައް ހަލާކުކޮށްފައި ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައިވެސް ބަޔަކުވަނީ މި ހަޓްގެ އެހެން ފަރާތެއްގެ ރެއިލިންގތައް ހަލާކުކޮށް ޗަސްބިން ތެރެއަށް އުކާލާފައި ކަމަށާއި އެކިފަހަރުމަތިން މިހަޓްގެ ރެއިލިންގތަކަށް ގެއްލުންދީ ތިން ފަރާތުގެ ރެއިލިންގ ވައްޓާލާފައިވާ ކަމަށް ނޭޗާ ޕާކުން ބުނެއެވެ.

މީގެ އިތުރުން އެތައް ފަހަރެއްގެ މަތިން މި ބޯރޑްވޯކްގެ ރެއިލިންގތަކުގެ ކެޕްތައް ނައްޓާ ވިނަގަނޑު ތެރެއަށް އުކާލުމާއި ކަނޑާ ނަގައި/ދެލި އަދި ދަވާދު ފަދަ ތަކެތިން ކުރަހައި ލިޔަމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި ހާލަކުކޮށްފައިވާ މިންވަރުންނާއި، އެމެޓީރިއަލް އަކީ ހޯދަން ދަތި އަދި އެހާމެ އަގުބޮޑު މެޓީރިއަލްއަކަށް ވާތީ، ކޮވިޑުގެ މި ޙާއްސަ އަދި ދަތި ދަނޑިވަޅުގައި މިތަންތަން މަރާމާތުކުރުމަކީ ވަރަށް އުނދަގޫކަމެއްކަން ނޭޗާ ޕާކުން ފާހަގަކުރެއެވެ.

ފުވައްމުލަކުގައި ހަދާފައިވާ ބޯރޑްވޯކް ތަކަކީ ޤުދުރަތީ ވެށީގެ ހިތްގައިމުކަން ދެކިލުމަށާއި ފޮޓޯނެގުމަށް ގިނަ އަދަދެއްގެ ދިވެހިންނާއި ބޭރު މީހުން ޒިޔާރަތްކުރާ ތަނެކެވެ. އެގޮތުން މި ބޯރޑްވޯކްތައް ވަނީ "ވޯރލްޑް ޓްރެވެލަރ ޕޭޖް" އިން ވެސް ޖާގަ ހޯދާފައެވެ.

ބައެއް މީހުން މި ތަންތަނަށް ތަކުރާރުކޮށް ގެއްލުން ދެމުންދާއިރު، މިގޮތަށް މިކަން ކުރިއަށްދާ ނަމަ މާގިނަ ދުވަސްތަކެއް ނުވެ ތަން ހަލާކުވެގެން ހިނގައިދާނެއެވެ.