Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ) މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ނަސީމް އެ މަގާމަށް އައްޔަން ކުރައްވައި ފަތްކޮޅު ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ނަސީމް މީގެކުރިން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ.

ހެލްތު މިނިސްޓަރުގެ މަގާމުގައި މީގެކުރިން ހުންނެވީ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ އަބްދުﷲ އަމީން ކަމަށްވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތަކުގެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭކަން އޮޑިޓަރ ޖެނެރަލްގެ ނެރުއްވި އޮޑިޓް ރިޕޯޓުން ފާހަގަކުރެއްވުމުން އަމީން ވަނީ އެ މައްސަލައިގެ ތަހުގީގު ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެ ވަޑައިގެންފައެވެ.

އަދި އޭސީސީން އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އަމީން އާއެކު އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ޕީޖީގެ މި ނިންމުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 24 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައެވެ. އެ މައްސަލަ ވައްދައި އަމީނަށް ނޯޓިސް ފޮނުވާފައިވަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އަމީން މަގާމުގެ މަސްއޫލިއްޔަތާއި އެކަހެރިވެ ވަޑައިގެން ހުންނެވި ދުވަސްވަރު އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.