Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އެމްޑީޕީގެ އިތުރު ތިން ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ނިންމި އެމްޑީޕީގެ އިތުރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

އިތުރު ތިން ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، މީގެކުރިން ވެސް ކެންޑިޑޭޓުންތަކެއް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެންމެފަހުން ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންނަކީ:

އެމްޑީޕީ: ނ. ވެލިދޫ އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީ / މަރްޔަމް ރަޝީދާ

އެމްޑީޕީ: ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީ / ފާޠިމަތު ޢުޘްމާނު

އެމްޑީޕީ: ރ. މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީ / ޝަރަފިއްޔާ ވަޙީދު

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިއުލާން ކުރާނެ ކަމަށް އީސީން ބުނެއެވެ.

ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިން ކަމަށް އީސީން ބުނެއެވެ.

މި ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅުއްވާނީ ކޮމިޝަނުގެ އީމެއިލް (info@elections.gov.mv) މެދުވެރިކޮށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި މި ދެ އިންތިހާބު ފަސްކޮށްފައިވާއިރު، މި ދެ އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުއެވެ.