Last Updated: April 25, 08:57
Thursday, April 25, 2024
ޚަބަރު

މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެ: ނަޝީދު

މިނިސްޓަރު ނަސީމް އާއި މަޖިލީހުގެ ރައީސް ނަޝީދު - ފޮޓޯ: ސަން

ހެލްތު މިނިސްޓަރު ކަމަށް މިއަދު އައްޔަން ކުރެއްވި އަހުމަދު ނަސީމް (ކެރަފާ ނަސީމް) ތަފާތު ދައްކަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރައްވައި ލިޔުން ހަވާލުކުރެއްވީ މިއަދު އެވެ.

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރެއްވުމާ ގުޅިގެން ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ނުހަނު ބޮޑަށް ހިންގުންތެރި، ތަޖުރިބާކާރު ބޭފުޅެއް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުމަކީ ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށެވެ.

"އަޅުގަނޑަށް ޔަގީން މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެ" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ނަސީމް މީގެކުރިން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ.

ހެލްތު މިނިސްޓަރުގެ މަގާމުގައި މީގެކުރިން ހުންނެވީ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ އަބްދުﷲ އަމީން ކަމަށްވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތަކުގެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭކަން އޮޑިޓަރ ޖެނެރަލްގެ ނެރުއްވި އޮޑިޓް ރިޕޯޓުން ފާހަގަކުރެއްވުމުން އަމީން ވަނީ އެ މައްސަލައިގެ ތަހުގީގު ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެ ވަޑައިގެންފައެވެ.

އަދި އޭސީސީން އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އަމީން އާއެކު އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ޕީޖީގެ މި ނިންމުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 24 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައެވެ. އެ މައްސަލަ ވައްދައި އަމީނަށް ނޯޓިސް ފޮނުވާފައިވަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އަމީން މަގާމުގެ މަސްއޫލިއްޔަތާއި އެކަހެރިވެ ވަޑައިގެން ހުންނެވި ދުވަސްވަރު އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.