Last Updated: April 24, 18:14
Wednesday, April 24, 2024
ވިޔަފާރި

އިމާރާތްކުރުމުގެ ދާއިރާ ފިޔަވައި އެހެން ސިނާއަތްތައް ކުރިއަރަން ފަށައިފި

އެމްއެމްއޭ - ފޮޓޯ: ސަން

އިމާރާތްކުރުމުގެ ދާއިރާ ފިޔަވައި އެހެން ސިނާއަތްތައް ކުރިއަރަން ފަށާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިހެން ބުނެފައިވަނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށްގެންދިޔަ ބިޒްނަސް ސާވޭ ރިޕޯޓުގައެވެ. މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު 30 އިން މި މަހުގެ 14 ގެ ނިޔަލަށެވެ.

އެގޮތުން، ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ހިމެނޭ ގޮތަށް ހަތަރު ސިނާއަތަކުން ޖުމްލަ 104 ކުންފުންނަކުން މި ސާވޭގައި ބައިވެރިވެފައިވެއެވެ.

ތިންވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭގެ ނަތީޖާއަށް ބަލާއިރު، ޖުމްލަ ގޮތެއްގައި އިމާރާތް ކުރުމުގެ ދާއިރާ ފިޔަވާ، ސާވޭގައި ހިމެނޭ ހުރިހާ ސިނާއަތްތައް ވެސް ދެވަނަ ކުއާޓަރާ އަޅާބަލާއިރު ކުރިއަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މީގެ ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ޖޫން މަހުން ފެށިގެން ލުއިތައް ދެވެން ފެށުމާއި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަން ފެށުމެވެ.

އަދި މި ސާވޭ އަމާޒުކޮށްފައިވާ ސިނާއަތްތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދުތައް ތިންވަނަ ކުއާޓަރުގައި ވަނީ އިތުރަށް ދަށްވެފައެވެ. ނަމަވެސް، މުވައްޒަފުންގެ އަދަދު މަދުވަމުންދާ މިންވަރު މި ކުއާޓަރުގައި މަޑު ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެވެން ފެށުމާއިއެކު، ވިޔަފާރިތަކުގެ ހަރަކާތްތަކާއި އާމްދަނީ އިތުރުވެ، ޚަރަދު ކުޑަކުރުމުގެގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެވެން ފެށުން ހިމެނޭ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މީގެއިތުރުން ކޯވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކަށް ލުއިތައް ދެމުންދިއުމާއިއެކު، މި އަހަރުގެ ތިންވަނަ ކުއާޓަރާއި އަޅާބަލާއިރު ހަތަރުވަނަ ކުއާޓަރުގައި، ސާވޭގައި ހިމެނޭ ހުރިހާ ސިނާއަތްތަކުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައި ވަނީ އެ ސިނާއަތްތައް ކުރިއަރާނެކަމުގައެވެ.

އަދި ވިޔަފާރިތަކުގެ މާލީ ހާލަތަށް ބަލާއިރު، ތިންވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ފިޔަވައި، އެހެން ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު ވަނީ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އިތުރަށް ހީނަރުވެފައެވެ.

އެގޮތުން، އިމާރާތްކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލާތު މި ކުއާޓަރުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ގޯސްވެފައިވާ މިންވަރު، އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ވަނީ މަޑުޖެހިފައެވެ. ނަމަވެސް ކުރިއަށް އޮތް ކުއާޓަރުގައި ފަތުރުވެރިކަމާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ފާހަގަކޮށްލެވޭ މިންވަރަކަށް ރަނގަޅު ވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.