Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ދަތުރުކުރަން ޔޫކޭ އިން ލުއިދިން ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފި

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: އޭއެފްޕީ

އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރުމަށް އެގައުމުން އެކުލަވާލި "ފަސޭހަ ގައުމުތަކުގެ" ލިސްޓުގައި އެންމެފަހުން ރާއްޖެ ހިމަނައިފިއެވެ.

އިނގިރޭސިވިލާތުގެ ސެކެޓްރީ އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓު ގްރާންޓް ޝެޕްސް މިރޭ ވިދާޅުވީ އެންމެފަހުން ލިބުނު ޑޭޓާ ތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލި އެސެސްމެންޓަކަށްފަހު ޔޫކޭގެ ރައްޔިތުން ދަތުރުކުރުން ފަސޭހަ ގައުމުތަކުގެ ލިސްޓުގައި ކެނެރީ އައިލޭންޑްސް އާއި ރާއްޖެ އާއި ޑެންމާކް އަދި ގްރީކުގެ ޓޫރިސްޓް މަންޒިލް މައިކޯނޯސް ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި ގައުމުތަކުން އެނބުރި ޔޫކޭ އަށް އަންނަ ފަރާތްތަކުން ސެލްފް އައިސޮލޭޓް ވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކޭ ސަރުކާރުގެ މި ނިންމުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަރުހަބާ ދަންނަވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު ގޯސްވުމަށްފަހު މިހާރު އަންނަނީ ހާލަތު ރަނގަޅުވަމުންނެވެ. އެގޮތުން މީގެކުރިން ދުވާލަކު 100 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން އިއްޔެ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ 45 މީހުންނެވެ.

މި ބައްޔަށް ރާއްޖެއިން ޖުމްލަ 11،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 36 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.