Last Updated: August 18, 06:20
Monday, August 18, 2025
ދުނިޔެ

ކޮވިޑަށް ލަންކާ އިން މިއަދު 309 މީހުން ޕޮޒިޓިވް ވެއްޖެ

އަވަށްޓެރި ސްރީލަންކާ އިން ކޮވިޑް-19 އަށް މިއަދު 309 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ބުނީ 309 މީހުން ޕޮޒިޓިވް ވުމުގެ އިތުރުން މިއަދު މި ބަލީގައި އެކަކު މަރުވެސް ވެފައިވާ ކަމަށެވެ.

އެއާއެކު މި ބައްޔަށް ލަންކާ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6287 އަށް އަރާފައެވެ. މީގެތެރެއިން 3561 މީހުން ރަނގަޅުވެފައިވާއިރު، ހޮސްޕިޓަލުގައި 341 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ލަންކާ އިން ވަނީ 14 މީހަކު މަރުވެފައެވެ.

ކޮވިޑްގެ ހާލަތު ރަނގަޅަށް އޮތުމަށްފަހު ލަންކާ އިން އަނެއްކާވެސް ގިނަ އަދަދަކަށް ކޭސްތައް ފެންނަން ފެށީ ގަމްޕަހާ ޕްރޮވިންސްގެ ގާމެންޓް ފެކްޓަރީގައި މަސައްކަތް ކުރާ މީހަކު މި ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ކޮވިޑްގެ ކޭސްތައް ލަންކާ އިން ގިނަ އަދަދަކަށް އަނެއްކާވެސް ފެންނަން ފަށާފައިވާތީ، އެގައުމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.