Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ފޭދޫ އިން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓ، ފޭދޫ. އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

އައްޑޫ ސިޓީ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ އަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެ ފިރިހެން މީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ 14 ދުވަސް ފުރިހަމަކޮށް ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ކަމަށެވެ.

ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނެގެޓިވް ވުމުންނެވެ.

އައްޑޫ އިން މީގެކުރިން ވެސް ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެ އެންމެން ވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ 21 ރަށެއްގައި ކޮވިޑްގެ 47 އެކްޓިވް ކޭސް އެބަ އުޅެއެވެ. އަދި މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ އެންމެ ރަށެއް ކަމަށްވާއިރު، އެއީ ހދ.ކުޅުދުއްފުއްޓެވެ.

ރާއްޖެއިން މި ބައްޔަށް 11،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި ވަނީ 37 މީހަކު ނިޔާވެފައެވެ.