Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ޤައުމެއްގެ ކުރިއެރުން ގުޅިފައިވަނީ ޒުވާން ޖީލެއްގެ ހުނަރުގެ މައްޗަށް

ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުން އެންމެ ބޮޑަށް ގުޅިފައިވަނީ ޒުވާން ޖީލެއްގެ ހުނަރާއި ފަންނުވެރިކަމުގެ މައްޗަށް ކަމަށާއި، ސަރުކާރުން ރާއްޖޭގެ ޒުވާނުންނަކީ ފަންނުވެރި ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ގިނަ ހޭދަތަކެއް ކުރައްވަނީ މި ސަބަބާ ހުރެ ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ "އަންވެއިލިންގ ވިޝަންސް 2020" ގެ ނަމުގައި ރާއްޖޭގެ ކުރެހުންތެރިން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން ހުޅުއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ކޮންމެ މީހަކީ ވެސް ޤައުމަށް ފައިދާހުރި މަސައްކަތްތެރި މީހަކަށް ވުމަށް އަޒުމްކަނަޑައެޅުމަށް ހުރިހާ ޒުވާނުންނަށް ގޮވާލައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްކުރައްވާ ކަމުގައި ވިދާޅުވެ، ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުމާއި މުޖުތަމަޢުގެ ކަންކަން ނިންމުމުގައި އިސް ރޯލެއް އަދާކުރާ ބަޔަކަށް ޒުވާނުން ހެދުމަށް ސަރުކާރުން ބޭނުންވާކަން ހާމަކުރައްވާފައެވެ.

ނެޝަނަލް އާޓް ގެލެރީގައި މިމަހުގެ 29 ގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މައުރަޒު ހުޅުއްވައިދެއްވުމަށް ނައިބު ރައީސް ރޭ ކުރެއްވި މި ޒިޔާރަތުގައި މައުރަޒުގައި ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވުމުގެ އިތުރުން ބައެއް ކުރެހުންތެރިންނާ ބައްދަލުކުރައްވައި ކުރެހުންތަކާބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައިވެއެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީގެ ވެބްސައިޓް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައި، 2020 ވަނަ އަހަރުގެ އެންމެ އަލިގަދަ ހަތަރު ފަންނާނުންނަށް ހަނދާނީ ފިލާ އަދި ސެޓްފިކެޓާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައެވެ.

އަންވެއިލިންގ ވިޝަންސްގެ މި އަހަރުގެ އެގްޒިބިޝަންގައި 53 އާޓިސްޓުން ވަނީ ބައިވެރިވެފައެވެ. ކޮވިޑް-19 ގެ ޙަލަތާއި ގުޅިގެން އާޓް ގެލަރީ ބަންދުކޮށްފައި އޮތުމަށްފަހު، މިއީ އާޓް ގެލަރީގައި ބާއްވާ މިފަދަ ފުރަތަމަ އެގްޒިބިޝަނެވެ. އެގްޒިބިޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:00 އިން ރޭގަނޑު 21:30 އަށެވެ.