Last Updated: May 8, 22:22
Wednesday, May 8, 2024
ވިޔަފާރި

އަންނަ މަހު ޗައިނާގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

އަންނަ މަހު ޗައިނާގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން އިއްޔެ ނެރެފައިވާ ޓޫރިޒަމްގެ އަޕްޑޭޓް ރިޕޯޓްގައި ބުނީ ޗައިނާގެ "ޗައިނާ ސަދަން އެއާލައިންސް" އިން އަންނަ މަހު ރާއްޖެ އަށް ދަތުރު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޗައިނާއަކީ ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ އެކު ރާއްޖެ-ޗައިނާ ދަތުރުތައް ވަނީ ޖެނުއަރީން ފެށިގެން މެދުކަނޑާލާފައެވެ.

މީގެއިތުރުން އެ ރިޕޯޓުގައިވާ ގޮތުން މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހު ރާއްޖެ އަށް އިތުރު އެއާލައިންތަކުން ދަތުރުތައް ފަށާނެއެވެ. އޭގެ ތެރޭގައި އޮސްޓްރިއާގެ އޮސްޓްރިއަން އެއާލައިންސް، ޖަރުމަނުގެ ލުފްތަންސާ، ދުބާއީގެ ފްލައި ދުބާއީ، ބަހްރެއިންގެ ގަލްފް އެއާ، އިންޑިއާގެ ގޯ އެއާ، ރަޝިއާގެ ނޯޑްވިންޑް އަދި އެގައުމުގެ ޝާޓަރު އެއާލައިން އަޒުރް އެއާ ހިމެނެ އެވެ.

ރާއްޖެއަށް މިހާރު ދަތުރުކުރަމުން އަންނަނީ 11 އެއާލައިނަކުންނެވެ. އެއީ ރަޝިއާގެ އޭރޯފްލޮޓް، އިންޑިއާގެ އިންޑިގޯ އާއި އެއާ އިންޑިއާ އަދި ސްޕައިސް ޖެޓް، ދުބާއީގެ އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް، ގަތަރުގެ ގަތަރު އެއާވޭސް، ތުރުކީގެ ޓާކިޝް އެއާލައިންސްގެ އިތުރުން ސްރީލަންކާގެ ސްރީލަންކަން، އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސް އަދި ސްވިޒަލެންޑްގެ އެޑެލްވެއިސް އެއާ ހިމެނެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 30،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ.