Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އައްޑޫ ފްލައިން ސްކޫލުން ހަތަރު ދަރިވަރަކު ވަކިކޮށްފި

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ކިޔަވަމުންދިޔަ ހަތަރު ދަރިވަރަކު ވަކިކޮށްފިއެވެ.

މި ހަތަރު ދަރިވަރުން ވެސް ސްކޫލުން ވަކިކޮށްފައިވަނީ މިއަދު އެ ދަރިވަރުންނަށް ފޮނުވި މެއިލް އަކުންނެވެ.

މި ހަތަރު ދަރިވަރުންނަކީ ވެސް ސްކޫލްގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވި ޕެޓިޝަނުގައި ސޮއިކުރި 86 ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރުންނެވެ.

މި ހަތަރު ދަރިވަރުން ވަކިކުރީ މައިގަނޑު އެއް ސަބަބުތަކެއްގައި ކަމަށް، ފްލައިން ސްކޫލްގެ ދަރިވަރުން ބުނާއިރު އޭގެތެރޭގައި ކޮމިޓްމެންޓް ދަށްވުން ވެސް ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން ފްލައިން ސްކޫލުން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި ނިންމުން ނިންމާފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި މަޝްވަރާކޮށްފައި ނޫން ކަމަށް އެ މިނިސްޓްރީން "އައްޑޫ ލައިވް" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

ފްލައިން ސްކޫލުން ހަތަރު ދަރިވަރަކު ވަކިކޮށްފައި މިވަނީ، އެ ސްކޫލަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ހާމަކޮށްފައިވަނިކޮށެވެ.

ހަޔާ އެޑިއުކޭޝަނުން މިގޮތަށް ނިންމީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ، އަދި 2019 ވަނަ އަހަރުގެ އޭޕްރިލްއިން ފެށިގެން މިއަހަރުގެ އޮކްޓޯބަރާއި ދެމެދުވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ އެވެ.

އޭއޭއޭ އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ތަނަކަށްވާއިރު، އެ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެކަޑަމީގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއްވެސް ހިމެނޭތީ، އެ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން، އިއްޔެ އިން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި އެ އެކަޑަމީގައި ކިޔަވަމުންދާ 96 ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ދަރިވަރުންގެވެސް ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު މިމިނިސްޓްރީއަށް ހުށަހަޅާ، މިމިނިސްޓްރީއިން އެ ޕްލޭން ތަންފީޒުކުރުމާއި ގުޅޭ ހުއްދަ ހޯދައިގެން ކުރިއަށް ގެންދިއުމަށް އެ ސްކޫލަށް އަންގާފައެވެ.

އަދި އެ އެކަޑަމީއިން ހުށަހަޅާ ޕްލޭންއެއް ކުރިއަށް ގެންދިއުމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެވޭނެ ކަމަށާއި މި ޕްލޭންއާ އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކަޑަމީގައި އެންރޯލްނުކުރެވޭނެކަންވެސް މިނިސްޓްރީން ވަނީ އެ ސްކޫލަށް އަންގާފައެވެ.

މީގެއިތުރުން ސިވިލް އޭވިއޭޝަނުން އޮކްޓޯބަރު މަހު ފުރިހަމަ ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަންސް ބަދަލުކުރުމަށާއި، އަދި ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށާއި، އެއްވެސް އެއަރކްރާފްޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ، އެކަމެއް އަވަހަށް ހައްލުކޮށް، ނުވަތަ ދަރިވަރުންގެ އަތުން ނެގޭ ފީ އިތުރު ނުވާނެހެން، ގަވާއިދުތަކުގެ ތެރެއިން އެހެން އެއަރކްރާފްޓެއް ބޭނުންކޮށްގެން ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރުއެއް ނާންނަގޮތަށް ކުރިއަށްގެންދިއުމަށްވެސް މިނިސްޓްރީން ވަނީ ސްކޫލަށް އަންގާފައެވެ.