Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

މަރުވެފައި އޮއްވާ ފެނުނު މީހާގެ ތަހުގީގަށް އާންމުންގެ އެހީއަށް އެދިއްޖެ

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ – ފޮޓޯ : ޕޮލިސް

އައިޖީއެމްއެޗާއި ދިމާލު މޫދުގައި މަރުވެފައި އޮއްވައި މިއަދު ފެނުނު މީހާގެ ތަހުގީގަށް އާންމުންގެ އެހީ އަށް ފުލުހުން އެދިއްޖެއެވެ.

އުމުރުން 31 އަހަރުގެ އެ މީހާ މަރުވެފައި އޮއްވައި މޫދުން ފެނުނީ މިއަދު ހެނދުނެވެ. އެ މީހާގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ބެލުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން މިހާރު ވަނީ ނިންމާފައެވެ.

ފުލުހުން މިރޭ ބުނީ އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތު ބޭނުންވާ ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9 އާއި 12 އާއި ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މަރުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ ފަރާތަކާ ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން އެ ގަޑީގައި ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ނުވަތަ އެ ހާދިސާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމެޖެންސީ ނަމްބަރު 119 ނުވަތަ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.