Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ރާއްޖެއިން އަލަށް ފެނުނު މެންގްރޫވްގެ ބާވަތަށް ކިޔަނީ ކެލަވަކި

ރާއްޖެއިން އަލަށް ފެނުނު މެންގްރޫވްގެ ބާވަތަށް ދިވެހި ބަހުގެ އެކެޑެމީން ނަމެއް ދީފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ރާއްޖެއިން އަލަށް ރިކޯޑު ކުރެވިފައިވާ މެންގްރޫވްގެ ބާވަތަށް ދިވެހި ބަހުގެ އެކެޑަމީއިން ފާސްކޮށްފައިވާ ނަމަކީ 'ކެލަވަކި' ކަމަށެވެ.

މި ގަހަށް އެ ނަމުން ނަން ދީފައިވަނީ މި ބާވަތުގެ އެހެން ގަސްގަހަށް ދެވިފައިވާ ނަންނަމަށާއި މި ބާވަތް ފުރަތަމަ ފަހަރަށް ޔަގީން ކުރެވުނު ހއ.ކެލާ އަށް ނިސްބަތް ކުރެވޭ ގޮތަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ބާވަތުގެ މެންގްރޫވް ގަސް ރާއްޖެއިން ފެނުނީ މިއަހަރުގެ މާރިޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމަށެވެ.

ކެލާގައި ކުރެވުނު ސާވޭއިން މިބާވަތުގެ ހަތަރު ގަހެއް ހުރިކަން ފާހަގަވެފައިވާ ކަމަށާއި މިގަސް އައިޑެންޑިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯރޑިނޭޓަރ ޑރ. ޔޮންގ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއެވެ. ނަމަވެސް މިމޭވާ ބޮޑަވަކިއަށްވުރެ ކުރުވެފައި ފަލައެވެ. ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން ރެޑް ލިސްޓްގައި "ކްރިޓިކަލީ އެންޑެންޖަރޑް" ނުވަތަ ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓެގަރީ ލިސްޓްގައި ހިމެނޭ ބާވަތެކެވެ.

މި ބާވަތުގެ ކަނޑޫފަލަކީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާރުން ފެނިފައިވާ ބާވަތެކެވެ. 2010އަކާ ހިސާބަށް ކުރެވުނު ސަރވޭއިން ދައްކާ ގޮތުގައި ދުނިޔޭގައި ހުރީ މިބާވަތުގެ ބޮޑުވެފައިވާ 200 ގަހެވެ. އަދި އޭގެ އާބާދީ ދަނީ މަދުވަމުންނެވެ.