Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު

ދަރިވަރުން ވަކިކުރަން ނިންމި ނިންމުން ފްލައިން ސްކޫލުން ބަދަލުކޮށްފި

އައްޑޫ ސިޓީ ގަމުގައި ހުންނަ ފްލައިން ސްކޫލުގައި ކިޔަވަމުންދިޔަ ހަތަރު ދަރިވަރަކު ވަކި ކުރަން ނިންމި ނިންމުން ސްކޫލުން ބަދަލުކޮށްފިއެވެ.

މި ހަތަރު ދަރިވަރުން ވަކިކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ދަރިވަރުންނަށް ސްކޫލްގެ ފަރާތުން ފޮނުވި މެއިލް އަކުންނެވެ. އެ ހަތަރު ދަރިވަރުން ވެސް ވަކިކުރީ އެއް ސަބަބުތަކެއްގައި ކަމަށްވާއިރު އޭގެތެރޭގައި ފަރުވާކުޑަވުމާއި، ގަބޫލުކުރެވޭ ވަރަށް އެ ދަރިވަރުންނަށް ކުރިއެރުން ނައުން ކަމަށް ބުނެފައިވެއެވެ. ވަކިކުރި ދަރިވަރުންނަކީ 2018 އަދި 2019 ގައި ސްކޫލަށް ވަތް ދަރިވަރުންނެވެ.

ނަމަވެސް މިއަދު އެ ހަތަރު ދަރިވަރުންނަށް ފޮނުވި މެއިލެއްގައި ސްކޫލުން ވަނީ އެ ނިންމުން އިތުރަށް ރިވިއު ކުރުމުގެ ގޮތުން އެ ނިންމުމަށް އަމަލުކުރުން މިވަގުތަށް ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެފައެވެ.

މި ހަތަރު ދަރިވަރުންނަކީ ވެސް ސްކޫލްގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވި ޕެޓިޝަނުގައި ސޮއިކުރި 86 ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރުންނެވެ.

ހަތަރު ދަރިވަރުން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ސްކޫލްގެ ކަންކަން ރަނގަޅުކުރުމަށް އިސްނަގާފައިވާ އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަނުން ވަނީ އެ ހަތަރު ދަރިވަރުންނަކީ ވެސް ޕާފޯމެންސް ރަނގަޅު ދަރިވަރުން ކަމަށާއި މިއީ ހަސަދައެއް ފިލުވާލުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ބުނެފައެވެ.

ފްލައިން ސްކޫލުން ހަތަރު ދަރިވަރަކު އިއްޔެ ވަކިކުރީ، އެ ސްކޫލަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވަނިކޮށެވެ.

ހަޔާ އެޑިއުކޭޝަނުން މިގޮތަށް ނިންމީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ، އަދި 2019 ވަނަ އަހަރުގެ އޭޕްރިލްއިން ފެށިގެން މިއަހަރުގެ އޮކްޓޯބަރާއި ދެމެދުވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ އެވެ.

މީގެެއިތުރުން ވެސް މިނިސްޓްރީން ވަނީ ގިނަ ކަންތައްތަކެއް ރަނގަޅުކުރުމަށް ސްކޫލަށް އަންގާފައެވެ.