Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފެންމީޓަރުން ނަގާ 30 ރުފިޔާ ކެނޑޭނީ ފިނޭންސުން ގޮތެއް ނިންމުން: ފެނަކަ

ގޭގެ އަށް ލާފައިވާ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލަން ފެނަކައިގެ ބޯޑުން ނިންމާފައިވާކަން މިއަހަރުގެ ޖެނުއަރީގައި ސައީދު ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އެކަމަށް އަމަލީ ގޮތުން އަދި މިހާތަނަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން "އައްޑޫ ލައިވް" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސައީދު ވިދާޅުވީ ފެނަކައިގެ ބޯޑުން ނިންމި ނިންމުން ފިނޭންސް މިނިސްޓްރީ އަށް އޮތީ ހުށަހަޅާފައި ކަމަށާއި އެކަން ކުރެވެން އޮތީ ފިނޭންސުން އެކަމާ މެދު ގޮތެއް ނިންމުމުން ކަމަށެވެ.

"މިއަދުވެސް ތަކުރާރުކޮށް މި ދަންނަވަނީ ފެނަކައިގެ މެނޭޖްމެންޓުން ކުރަންޖެހޭ ހުރިހާ ކަމެއް ވަނީ ކުރެވިފައި. ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ވާނީ ހުށަހަޅާފައި 30 ރުފިޔާ ކެނޑުމަށްޓަކާ. އެކަމަކު އަދި ކަނޑާލި ކަމެއް ނުވަތަ ކެނޑޭނެ ވަކި ދުވަހެއް އަންގާފައެއް ނުވޭ. އެހާ ހިސާބަށް ދިޔުމުން އެކަން ހިއްސާކުރާނަން" ސައީދު ވިދާޅުވިއެވެ.

ފެން މީޓަރުން 30 ރުފިޔާ ނަގާ މައްސަލައިގައި އައްޑޫ ސީޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވެސް ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ސޯބެ ވިދާޅުވީ އެއްގޮތަކަށްވެސް ފެން ބޭނުން ނުކޮށް ހުންނަ ގެތަކުންވެސް ކޮންމެ މަހަކު 30 ރުފިޔާ ނަގަމުން އަންނަ ކަމަށެވެ. އަދި އެކަމަކު ސަބަބުން ރައްޔިތުންނަށް އިތުރު ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާ ސޯބެ ވިދާޅުވީ ބައެއް ގެެތަކުގެ ބިލު ތިންހާހުން މައްޗަށް އަރައިގެންދާ ފަހަރުތައްވެސް އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ގެއެއްގެ ފާރު ބުޑުގައި ހުންނަ އިސްކުރަކަށް 30 ރުފިޔާ ނަގަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެހެންކަމުން ސަރުކާރު ކުންފުނިތަކުން އެފަދަ ހިދުމަތްތައް ދޭއިރު އެކަމާ ބެހޭ ގޮތުން ކައުންސިލްތަކާ މަޝްވަރާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ދެކެވަޑައިގަންވާ ކަމަށް ސޯބެ ވިދާޅުވިއެވެ.