Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ހިތަދޫ މެދު ސަރަހައްދުގެ ގެތަކަށް ނަރުދަމާ ފޯރުކޮށްދޭން ފަށައިފި

އައްޑޫ ސިޓީ ހިތަދޫގެ މެދު ސަރަޙައްދުގެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ އިން މިއަދު ފަށައިފިއެވެ.

ފެނަކަ އިން ބުނީ ހިތަދޫ މެދު ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި، ނިޒާމަށް އެ ސަރަހައްދުގެ ގެތައް ގުޅުން މިހާރު ކުރިއަށްދާ ކަމަށެވެ. މީގެކުރިން ހިތަދޫގެ އުތުރު އަދި ދެކުނުގެ ނަރުދަމާގެ މަސައްކަތް ވަނީ ނިމިފައެވެ.

ހިތަދޫގެ އުތުރާއި ދެކުނު އަދި މެދު ސަރަހައްދު ގުޅާލާފައިވަނީ ނަރުދަމާގެ ވަކި ދެ ނިޒާމަކުން ކަމަށްވާއިރު، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ މި ދެ ނިޒާމު އެއްކޮށް ފުރިހަމަ ވުމުން އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކަށް ވެސް ނަރުދަމާގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އަދި މި ނިޒާމަކީ ދެ ވައްތަރުގެ ދެ ނިޒާމެއް ކަމަށާއި މި ނިޒާމުތައް އޮޕަރޭޓް ކުރުމުގައި މިހާރު ގެންގުޅޭ މެކޭނިޒަމް މިވަގުތަށް ރަނގަޅު ކަމަށާއި ނަމަވެސް އިތުރަށް ބަދަލުތަކެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި ބަދަލުކުރެވޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އައްޑޫގައި އެންމެ ފުރަތަމަ ނަރުދަމާ ނިޒާމް އަޅަން ފެށީ 2010 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އޭރު ނަރުދަމާ އަޅަން ފެށީ ވެސް ހިތަދޫ މެދު ސަރަހައްދުންނެވެ. ނަރުދަމާގެ މަސައްކަތަށް 10 އަހަރުވެފައިވާއިރު ވެސް އެ މަސައްކަތް މުޅިން ނުނިމޭތީ އެކަމާ ރައްޔިތުންގެ ޝަކުވާތައް ގިނައެވެ.

ނަމަވެސް މި ސަރުކާރު އައި ފަހުން އެ މަސައްކަތް ނިންމައި، މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.