Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ސީރިޔާ އަށް ހަނގުރާމައަށް ދިޔަ މީހާ ރިހެބިލިޓޭޓް ސެންޓަރުގައި ބަންދުކޮށްފި

ހަނގުރާމަތަކަށް ގޮސްފައި އަންނަ މީހުން ރިހިބިލިޓޭޓް ކުރާ ސެންޓަރު، ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ފުރަތަމަ ފަހަރަށް މީހަކު ބަންދުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ސެންޓަރުގައި ބަންދުކުރީ ސީރިއާ އަށް ހަނގުރާމަ އަށް ދިޔުމަށްފަހު މި މަހުގެ 15 ވަނަ ދުވަހު އެނބުރި ރާއްޖެ އައި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ އެ ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ ބަންދަށް މީގެކުރިން ޖެހި 7 ދުވަސް އިއްޔެ އަށް ހަމަވާތީ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ. އެގޮތުން ކޯޓުން އަމުރުކުރީ ރިސްކު އެސެސްމެންޓު ހެދުމަށް އޭނާ އެ ސެންޓަރުގައި 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.

މިއީ އެ ސެންޓަރުގައި މީހަކު ބަންދުކުރެވުނު ފުރަތަމަ ފަހަރެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ މި ސެންޓަރު ހުންނަނީ ކ. ހިންމަފުށީގައެވެ. މި ތަން ހިނގަމުންދަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

މިއީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ ޢާއިލާގެ މެންބަރުންނަކީ، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށް ގާއިމުކުރި ސެންޓަރަކެވެ.

އަދި މިއީ އެފަދަ ޢަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ބައެއްތޯ ބެލުމަށާއި، އެފަދަ ޢަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ބެލުމަށާއި، އެ ފަރާތްތަކަކީ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބަލައި، އެމީހުން މުޖްތަމަޢަށް އަނބުރާ ރުޖޫޢަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެމީހުން ދިވެހިރާއްޖެ އައުމާއެކު، ވަގުތީ މަރުކަޒެއްގައި އެމީހުން ބަންދުކުރަންވާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނެފައިވާތީ ގާއިމުކުރި ސެންޓަރެކެވެ.