Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޒުވާނާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

އައިޖީއެމްއެޗާއި ދިމާލު މޫދުގައި މަރުވެފައި އޮއްވައި އިއްޔެ ފެނުނު މީހާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.

ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 31 އަހަރުގެ އެ މީހާ މަރުވެފައި އޮއްވައި މޫދުން ފެނުނީ އިއްޔެ ހެނދުނެވެ. އެ މީހާގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ބެލުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން މިހާރު ވަނީ ނިންމާފައެވެ.

އަދި ފުލުހުން ރޭ ވަނީ އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތު ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9 އާއި 12 އާއި ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މަރުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ ފަރާތަކާ ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން އެ ގަޑީގައި ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ނުވަތަ އެ ހާދިސާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމެޖެންސީ ނަމްބަރު 119 ނުވަތަ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.