Last Updated: May 8, 18:00
Wednesday, May 8, 2024
ޚަބަރު

އެމްއެމްޕީއާރްސީ މައްސަލާގައި އަދުރޭ އާއި ސުވާލެއް ނުކުރޭ: އިދިކޮޅު

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެއްވެސް ކޮމިޝަނަކަށް ހާޒިރުކޮށްފައި ނުވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިމިވަނީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް މިދިޔަ ބުރާސްފަތި ދުވަހު އަދުރޭ ހާޒިރުކޮށްފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ.

އެ ހަބަރާއި ގުޅިގެން އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"އެމްއެމްޕީއާރްސީގެ މައްސަލައިގައި ސުވާލު ކުރުމަށް އަބްދުއްރަހީމް އެއްވެސް ކޮމިޝަނަކަށް މިދިޔަ ބުރާސްފަތި ދުވަހު ހާޒިރުކޮށްފައެއް ނުވޭ" ހީނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ބޮޑެތި ކޭސްތަކެއް ދައުވާ ކުރުމަށް ވަރަށް އަވަހަށް ކޯޓަށް ފޮނުވާނެ ކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީގައި މިދިޔަ ބުދަ ދުވަހު ވާހަކަދައްކަވަމުން ރިޔާސީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އެ ގޮންޖެހުންތަކަށް ބަލާ ކަމަށްވާ ނަމަ މައްސަލަ ތަހުގީގު ކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްއަދު ވިދާޅުވިއެވެ.

އަދި އެ މައްސަލަ އަކީ މުއައްސަސާތައް ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގަކަށްވާއިރު އެ މައްސަލަ ތަހުގީގު ކުރުމަށް އިތުރު ބޭފުޅުން މުއައްސަސާތަކުން ހަމަޖެއްސި، ތަހުގީގު ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަކު ދާދި އަވަހަށް، އުއްމީދު ކުރައްވާ ވަރުގެ ބޮޑު ކޭސްތަކެއް ކޯޓާ ހަމައަށް ގެންދެވޭނެ،" އަސްއަދު ވިދާޅުވިއެވެ.