Last Updated: April 26, 06:56
Friday, April 26, 2024
ވިޔަފާރި

ބީއެމްއެލްގެ އެހީގައި ހޮޅުދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ނ. ހޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފިއެވެ.

މަހެއްގެ ބައްޓަމަށް ފަރުމާކުރެވިފައިވާ މި ތަނަކީ ފަސޭހަކަމާއެކު މަސްކަނޑަން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެހެން އަލިކޮށް އެއްފަހަރާ 8 މީހުންނަށް މަސްކަނޑަން ތިބެވޭނެއެވެ. ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން އަދި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް މިތަނުގައި އެކުލެވެއެވެ. މިއީ މަސްވެރިންގެ އިތުރުން ހޮޅުދޫގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ ހާއްސަ މަސްކަނޑާތަނެކެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މިއީ ކޮމިއުނިޓީ ފަންޑަށް ހުށަހެޅިގެން ދިޔަ ވަރަށް ތަފާތު ހުށަހެޅުމެއް ކަމަށާއި ހޮޅުދޫގެ މަސްވެރިންނަށާއި ރައްޔިތުންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުނު މި ޕްރޮޕޯސަލްގެ ދަށުން ގާއިމްކުރެވުނު މި ތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ހިންގޭ ޕްރޮޖެކްޓް ތަކުގެ ސަބަބުން ރަށުގެ ތަރައްގީއަށާއި ރަށްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނަކަމީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެއް. މި ފުރުސަތުގައި މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން." ސައީދު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކުރި އެމް.ސީ. އެފް. ޖަމިއްޔާގެ ފަރާތުން މޫސާ ޝިމާއު ބުނީ ފާއިތުވި އަހަރު ތަކުގައި ހޮޅުދޫގެ ރައްޔިތުން މަސްކެނޑުމަށް ބޭނުންކުރަމުންދަނީ ބަނދަރު މަތީގައި ހުންނަ ބާ މޭޒެއްގައި ކަމަށެވެ. އަދި ވަރަށް ގިނަ ދަތިތަކާ އޭގެ ސަބަބުން ކުރިމަތިވާ ކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް އައި ހިޔާލާއެކު މި ޕްރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި މިކަން ހަގީގަތަކަށް ވުމަކީ ރަށަށާއި ޖަމިއްޔާއަށް ލިބުނު ކުރިއެރުމެއް ކަމަށް ޝިމާއު ބުންޏެވެ.

"މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލެވުމަކީ އަޅުގަނޑުމެން ވަރަށް އުފާ ކުރާކަމެއް. މިއަދަކީ މިރަށުގެ ރައްޔިތުންނަށް ވަރަށް ހާއްސަ ދުވަހެއް." ޝިމާއު ބުންޏެވެ.

މިއަހަރުގެ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ވަނީ ބަހާލެވިފައެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވެއްސެއްގައިވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ވަނީ ހޮވިފައެވެ. އަދި ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެއެވެ.

ބީއެމްއެލް އިން މިހާރު އަންނަނީ ކައިރި މުސްތަގްބަލެއްގައި ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރަމުންނެވެ.