ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅުގައި އ.ދ. ގެ މުހިންމުކަން އިތުރަށް އިހުސާސް ކުރެވޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އ.ދ. އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓަރު ޝާހިދު ދެއްވި މެސެޖުގައެވެ.
އެގޮތުން ޝާހިދު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް އ.ދ. ގެ ޗާޓަރުގައިވާ އަސާސްތައް ދެމެހެއްޓުމަށް ގޮވާލާ، ބައިނަލްއަޤުވާމީ ސުލްޙަޔާއި، އިޤްތިޞާދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ގޮވާލާ ޤައުމެއް ކަމަށާއި 1965 ވަނަ އަހަރު އ.ދ. ގެ މެމްބަރުކަން ރާއްޖެއަށް ލިބުމާއެކު، އޭގެ 55 އަހަރުފަހުން، މިއަދުވެސް ރާއްޖެ ދެމިއޮތީ، އ.ދ. ގެ ތެދުވެރި އަދި އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.
އަދި ރާއްޖެއަކީ ނިސްބަތުން ކިތައްމެ ކުޑަ ޤައުމެއްކަމުގައި ވިޔަސް، އ.ދ. ގައި ރާއްޖެއިން ދައްކުވައިދެނީ، ބައިނަލްއަޤުވާމީ ފެންވަރެއްގައި އެހެނިހެން ޤައުމުތަކާއި އެއްހަމައަކަށް ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދެވިދާނެކަން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިހާތަނަށް އ.ދ. ގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކަންތައްތަކަކީ، ކުޑަ ޤައުމުތަކަކީ އ.ދ. ގެ މުހިންމު ބައިވެރިންތަކެއްކަން ދައްކުވައިދިނުމުގެ އިތުރުން، 21 ވަނަ ޤަރުނުގައި ތަޢާރަފުވެގެން އަންނަ އައު ގޮންޖެހުންތަކަށް ހައްލުހޯދުމުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރެވިދާނެ ކަމުގެ ހެއްކެއް" ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން މިއަދާ ހަމައަށް، 75 އަހަރު ވަންދެން އ.ދ. ދެމިއޮތީ ބަވަނަވުމާއި މަލްޓިލެޓްރަލިޒްމް އަށް މަގުއަލިކޮށް، އެއްގަލަކަށް އަރުވައިދޭ އަލިގަދަ ދަންމަރެއްގެ ގޮތުގައި ކަމަށާއި މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ކުރިމަތިލަމުންދާއިރު، އ.ދ. ގެ ހަޤީޤީ ރޫހުގައި ތިބެ، ފަހި މުސްތަޤްބަލަކަށް ކުރިއަށް ދިޔުމުގެ ޔަގީންކަން އެ ޖަމިއްޔާ އަށް އެބައޮތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އަދި ބައިނަލްއަޤްވާމީ ގިނަ ގޮންޖެހުންތަކެއް ހުއްޓަސް، އެންމެން ގުޅުވައިދީ، އެކަކު އަނެކަކަށް އިޙްތިރާމާއި ޤަދަރާއެކު އެންމެން އެދޭ މުސްތަޤްބަލަށް ވާސިލްވުމަށް އ.ދ. އިން ކަށަވަރުކޮށްދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.