Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އަދީބު ގެއަށް ބަދަލުކުރީ ނިދަން ހާއްސަ މެޝިނެއް ބޭނުންވާތީ: އިމްރާން

އަހުމަދު އަދީބު - ފޮޓޯ: ނަޝްވާ

20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލުކުރީ ނިދަން ހާއްސަ މެޝިނެއް ބޭނުންވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މީގެ ކުރީ ފަހަރެއްގައި ޖަލުގެ ތެރޭގައި ހުންނަވަނިކޮށް ޖަލުގެ ގޮޅިއަށް އަދީބު ވެއްޓި ނިތްކުރި މަތި ދުޅަވެ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.

އަދި އޭގެ ފަހުން ނިދުމަށް ވަކި މެޝިނެއް ބޭނުން ކުރުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"އެމެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭގޮތަށް ހުރި މެޝިނެއް ނޫންކަމަށް ވަނީ. އެހެންވެ ގޭގައި އެމެޝިން ގާއިމްކުރެވިފައި ހުރިކަމަށްވަނީ. އެކަމުގެ މައްޗަށް ރިޔާއަތްކޮށް އަހްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވާކަމަށް މިވަނީ" އިމްރާން ވިދާޅުވިއެވެ.

އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމް ކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް އުފުލި ހަތް ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އަދީބު ވަނީ މި ހުރިހާ ދައުވާތަކަށް ވެސް އިއުތިރާފްވެ ވަޑައިގެންފައެވެ. އެހެންކަމުން އެ ދައުވާތަކުގެ އަދަބެއްގެ ގޮތުގައި 20 އަހަރަށް ޖަލަށް ލުމާއި ދެ މިލިއަން ރުފިޔާ އިން އަދީބު ޖޫރިމަނާ ކުރަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަދީބަށް އަންގާފައެވެ.