Last Updated: April 26, 20:10
Friday, April 26, 2024
ރިޕޯޓް

އިމްރާން ޖިންސީ ގޯނާ ކުޑަކަމަކަށް ހެދުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ

މިއަހަރު ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން ހޯމް މިނިސްޓަރު ދެއްކެވި ވާހަކަތަކުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެ، މަގާމުން އިސްތިއުފާ ދިނުމަށް ވެސް ގޮވަން ފަށައިފިއެވެ.

އިމްރާން، ސަފާރީ ކޭސްއާ ގުޅިގެން ދެއްކި ވާހަކާގައި ވިދާޅުވީ، އެހާދިސާ އަކީ އެހާ ބޮޑު ކަމެއް ނޫން ކަމަށާއި، ބޮޑުވެގެން ދިޔައީ ރިޕޯޓުކުރި ގޮތުން ކަމަށެވެ. އަދި އެއީ އާންމުންގެ ތެރޭގައި ވެސް ހުރެ މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް ކަމަށް އިމްރާން، ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ވިދާޅުވެފައިވެއެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް އަންހެން މީހާ ދިއުމުން ދެ މީހަކު ވެގެން އޭނާގެ ނުރުހުމުގައި ގަޔަށް އަތްލައި ޖިންސީ ގުނަވަނުގައި ގަދަކަމުން އަތް ލުމުން، އަންހެން މީހާ ވަނީ ސަފާރީން މޫދަށް ފުންމާލާފައި ކަމަށް، އެ ހާދިސާއަށް ފަހު "މިހާރު" ނޫހަށް އޭނާ ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ނަމަވެސް އޮންލައިން ނޫހަކުން ވަނީ އަންހެން މީހާ ފުންމާލީ ރޭޕް ކުރުމުން ކަމަށް ބުނެފައެވެ. އަދި އޭނާއެކު ހައްޔަރުކުރި ދެ ފިރިހެނުން ދޫކޮށްލުމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. ނަމަވެސް އަންހެން މީހާ ވަނީ ރޭޕްގެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އެނޫހަށް އެއްވެސް މައުލޫމާތެއް ދީފައިނުވާނެ ކަން ވެސް އޭނާ ހާމަކުރިއެވެ.

މިނިސްޓަރު އިމްރާނަށް ފާޑުކިޔުންތައް އަމާޒުވީ އަންހެނެއްގެ ނުރުހުމުގައި ގަޔަށް އަތްލުން، ނުވަތަ ގަދަކަމުން ޖިންސީ ގުނަވަނުގައި އަތްލުމަކީ "މާބޮޑު ކަމެއް ނޫން" ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމުންނެވެ. ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި އެމީހުންނަށް ދިމާވި މިފަދަ ކަންކަން ހޯމް މިނިސްޓަރު ކުޑަކޮށްލުމުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަދި ހޯމް މިނިސްޓަރު މިފަދަ ވާހަކައެއް ދެއްކުމުން ދޭހަވަނީ، އަންހެނުންނަށް ލިބޭ ޖިންސީ ގޯނާތަކުން މި ރާއްޖޭގައި އިންސާފެއް ނުލިބޭނެ ކަމުގެ ޔަގީންކަން ކަމަށާއި، މިފަދަ ކަންކަމުން އަންހެނުން މިފަދަ ކުށްތައް ރިޕޯޓުކުރަން ފަސް ޖެހޭ ކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.