Last Updated: August 12, 17:50
Tuesday, August 12, 2025
ޚަބަރު

ފެންފުށިން އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި

ފުލުހުން ހޯދި މަސްތުވާތަކެތި - ފޮޓޯ: ޕޮލިސް

އދ.ފެންފުށިން އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ ފެންފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ރައްކާކޮށްފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން މިއަދު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން އެރަށު ވަލުތެރެ ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ކޮތަޅެއް ހޯދާފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި އެއް ކިލޯ 20 ގުރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ.

މި ތަކެއްޗަކީ މި މަހުގެ 8 ވަނަ ދުވަހު ފެންފުށިން އަތުލައިގަތް ކްރިސްޓަލް މެތު ކަމަށް ބެލެވޭ ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަަލައާ ގުޅުންހުރި މަސްތުވާތަކެތި ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.