Last Updated: August 12, 17:34
Tuesday, August 12, 2025
ޚަބަރު

ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އަފީފް ދީދީގެ ދަރިކަލުން

ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އައްޑޫގެ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ އަބްދުﷲ އަފީފުގެ ދަރިކަލުން އަހުމަދު އަފީފު އިންތިހާބުވެއްޖެއެވެ.

އަހުމަދު އަފީފު ސީޝެލްސްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ އެގައުމުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރެއްވި ސީޝެލްސް ޑިމޮކްރެޓިކް އެލަޔަންސް (އެލް.ޑީ.އެސް) ގެ ކެންޑިޑޭޓް، ވެވެލް ރަމްކަލަވަންގެ ރަނިންމޭޓެއްގެ ހައިސިއްޔަތުންނެވެ. އެގޮތުން ރަމްކަލަވަންގް އެ އިންތިހާބު ކާމިޔާބު ކުރެއްވީ 54.9 ޕަސެންޓުންނެވެ.

އޭނާއާ އެންމެ ގާތުން މި އިންތިހާބުގައި ވާދަކުރެއްވީ އެގައުމުގެ މިހާރުގެ ރައީސް ޑެނީ ފޯރޭއެވެ. އެގޮތުން ފޯރޭ އަށް ލިބިވަޑައިގަތީ 43.5 ޕަސެންޓެވެ. މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 74،634 މީހުންނަށެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އަހުމަދު އަފީފް ވިދާޅުވީ އޭނާ އަދާކުރާނެ ރޯލަކީ އިންތިހާބު ކާމިޔާބު ކުރައްވައި ކުރިއަށް އޮތް ފަސް އަހަރަށް އެގައުމުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވި ރަމްކަލަވަން ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމުގައި އެހީތެރިވެދިނުން ކަމަށެވެ.

އަދި ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ ތެދުވެރިކަމާ އެކުގައި ކަމަށާއި ބުރަކޮށް މަސައްކަތް ކުރުމާއި ރިވެތި އާދަތަކަކީ މައިންބަފައިންގެ ފަރާތުން ދަސްވި ކަންތައްތަކެއް ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

"ބުރަކޮށް މަސައްކަތް ކުރާނަމަ ރަނގަޅު ނަތީޖާ ހާސިލުކުރެވޭނެ. އަދި ކަމެއްގައި ފެއިލްވި ނަމަވެސް ތެދުވެރިވާން ވާނެ. ގޯސްކޮށް ކުރެވުނު ކަންކަން ބަލައިގަނެ، ކާމިޔާބު ވަންދެން އެ ކަންކަން ރަނގަޅުކުރަންޖެހޭ" އަފީފް ވިދާޅުވިއެވެ.

އުމުރުން 53 އަހަރުގެ އަހުމަދު އަފީފު އަކީ، އަބްދުﷲ އަފީފްގެ ތިންވަނަ ދަރިކަލުންނެވެ. އަހުމަދު އަފީފް އުފަންވެވަޑައިގަތީ 1967 ގައި ސީޝެލްސްއަށެވެ.