Last Updated: April 25, 10:16
Thursday, April 25, 2024
ޚަބަރު

ތިން މަސްތެރޭ އެގްޒާމް ނިންމަން ދަރިވަރުންނަށް އަންގަން ފަށައިފި

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިހާތަނަށް އެގްޒާމް ފުރިހަމަ ނުކޮށް ތިބި ދަރިވަރުން ތިން މަސްތެރޭ އެގްޒާމް ނިންމަން ދަރިވަރުންނަށް އަންގަަން ފަށައިފިއެވެ.

އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަނުން "އައްޑޫ ލައިވް" އަށް މައުލޫމާތު ދެމުން ބުނީ ތިން މަސްތެރޭ އެގްޒާމް ފުރިހަމަ ކުރަން އަންގައި ސްކޫލުން މިހާތަނަށް 10 އަކަށް ވުރެ ގިނަ ދަރިވަރަކަށް މެއިލް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން އެ މެއިލްތަކުގައި ޖެނުއަރީ 31 ގެ ކުރިން އެގްޒާމް ފުރިހަމަ ކުރަން ދަރިވަރުންނަށް ވަނީ އަންގާފައެވެ. އެ މުއްދަތުގައި އެގްޒާމް ފުރިހަމަ ނުކޮށްފިނަމަ ސްކޫލުން އަމިއްލަ އަށް ވަކިވީ ކަމަށް ނިންމާނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އޭއޭއޭގެ ސްޓޫޑެންޓް ޔޫނިއަން ބުނިގޮތުގައި ސްކޫލްގައި މިވަގުތު ކަންކަން ހުރި ގޮތުން ތިން މަސްތެރޭ އެގްޒާމް ނުވަތަ ތިއަރީ ޓެސްޓު ފުރިހަމަ ކުރުމަކީ ވުމަށް ވުރެ ދުރު ކަމެއް ކަމަށެވެ. އެގޮތުން އެގްޒާމްގައި ޖުމްލަ 12 މާއްދާ އޮންނައިރު ކޮންމެ މަހަކު އާންމު ގޮތެއްގައި އެގްޒާމް ހެދުމަށް ލިބެނީ 2 ސިޓިންގް ކަމަށް ދަރިވަރުންގެ ޔޫނިއަނުން ބުންޏެވެ.

"12 މާއްދާ މުޅި ޖުމްލަ ހަ ސިޓިންގ އަށް ބަހާލައިގެން ކޮންމެ މަހަކު ސިޓިންއެއް ހެދިޔަސް ހުރިހާ އެގްޒާމްތައް ފުރިހަމަ ކުރުމަށް ހަ މަސް ހޭދަވޭ. ބައެއްފަހަރު ސިޓިންގް ނުލިބުމާއި ގުޅިގެން ޖެހި ޖެހިގެން ކޮންމެ މަހަކު ނެހެދި ހަ މަހަށް ވުރެއިތުރުވޭ. އެގޮތުން ޖުމްލަ ގޮތެއްގައި ކުދިން އެގްޒާމް ނިންމާ މުއްދަތައް ބަލާއިރު 7 – 11 މަސް ނަގާ. ދެން ކިހިނެތް ތިން މަހުން އެގްޒާމް ނިންމާނީ؟" ދަރިވަރުންގެ ޔޫނިއަނުން ވާހަކަ ދެއްކި ދަރިވަރަކު ބުންޏެވެ.

މީގެއިތުރުން މެނުއަލް ނެތުމުގެ ސަބަބުން ވެސް އެގްޒާމް ނުހެދިފައި ތިބި ދަރިވަރުން ވެސް އެބަތިބި ކަމަށާއި މިކަން ހައްލުކޮށްދޭން ވެސް ސްކޫލުން މަސައްކަތެއް ނުކޮށް ތިން މަސްތެރޭ އެގްޒާމް ނިންމަން ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށްވެސް ޔޫނިއަނުން ބުނެއެވެ.

"އެއް އެގްޒާމް ހަދަން ބޭނުންވާނެ މެނުއަލްއެއް. އެއީ ޗާޓުތަކާއި އެއްޗެހި ހިމެނޭ ފޮތެއް، އެއަށް ބަލައިގެން އެ ޓެސްޓު ހެދޭނީ ވެސް. ހަމައެކަނި މެނުއަލް ނެތުމުގެ ސަބަބުން ވެސް އެގްޒާމް ނުނިމިފައި އެބަތިބި ބައެއް ދަރިވަރުން. ސްކޫލުގައި ވެސް ނެތް މެނުއަލް. ސިވިލް އޭވިއޭޝަނުގައި ވެސް ނެތް" ދަރިވަރަކު ބުންޏެވެ.

ތިން މަސްތެރޭ އެގްޒާމް ނިންމަން ސްކޫލުން އެންގިއިރު، ސިވިލް އޭވިއޭޝަނުގެ ގަވާއިދު ބުނާގޮތުން އެގްޒާމް ފަށާ ތާރީހުން ފެށިގެން އެގްޒާމް ނިންމަން 18 މަސް ލިބޭއިރު ސްކޫލުން އެ ހައްގު ވެސް ނިގުޅައިގަންނަން މިހާރު ފަށާފައިވާކަން ވެސް ދަރިވަރުންގެ ޔޫނިއަން އިން ފާހަގަކުރެއެވެ.

"ސްކޫލަށް އެންރޯލްވިއިރު ބުނެފައެއް ނެތް ވަކި ދުވަހެއްގެ ތެރޭގައި އެގްޒާމް ނިންމަން. އަނެއްކޮޅުން ސިޓިންގް އެއް ހޯދަން ބޭނުންވާނަމަ ދެ ހަފްތާ ކުރިން އެބަޖެހޭ ރިކުއެސްޓް ކުރަން. ކޮށްގެން ވެސް އެއް މަހަށްވުރެ ދިގުވާ އިރު ވެސް ނުލިބޭ"

ސްޓޫޑެންޓް ޔޫނިއަނުން ސިފަކުރަނީ މިއަދު ފޮނުވި މެއިލްތަކަކީ ސްކޫލުން ވަކިކުރުމުގެ ކުރިން ދިން އިންޒާރެއްގެ ގޮތުގައެވެ. އެގޮތުން މިއީ ސްކޫލަށް ފިޔަވަޅު އަޅާނެކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން އަޅަމުންދާ ކުއްލި ފިޔަވަޅުތަކުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށްވެސް އެ ޔޫނިއަނުން ބުނެއެވެ.

"މިއީ ސްކޫލުން އެންމެފަހުން ދަރިވަރުންތަކެއް ވަކިކުރުމުން، އެ ދަރިވަރުން ވަކިކުރީ އިންޒާރަކާއި ނުލައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނުމުން ކުދިންނަށް ބިރު ދައްކަން ޖަހާ މަޅިއެއް" ދަރިވަރަކު ބުންޏެވެ.