Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ މީހެއްގެ ވަނަވަރު އާންމުކޮށްފި

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ބަލުމަށް އެ މީހާގެ މައުލޫމާތު ފުލުހުން މިއަދު އާއްމުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ކަމަށް ތުހުމަތު ކުރެވެނީ ޅ. ހިންނަވަރު، ޢަންބަރީގެ، އިބްރާހީމް ނަޒީދު (37އ) އަށެވެ.

އެގޮތުން އޭނާ އަކީ ސައްހަނޫން އެއްބަސްވުންތަކެއް ހަދައިގެން ގިނަ އަދަދެއްގެ ބަޔަކަށް އެޕާޓްމަންޓް ކުއްޔަށްދީ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ނަޒީދުގެ ފުށުން އެފަދަ އަމަލެއްގެ ޝިކާރައަކަށްވެފައިވާ އިތުރު ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މަޢުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

ތަފާތު ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މުޖުތަމަޢުގައި އިތުރު ވަމުންދާ މައްސަލަތަކަކަށްވާތީ، ފައިސާއާއި އަގުބޮޑޫތަކެތި ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އަދި ސައްހަނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތްކުރާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް އެ މުއާމަލާތެއްގެ މައުލޫމާތު އަންގައިދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.