ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި ހިދުމަތާއެކު ކަސްޓަމަރުންނަށް ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެެއިޑް ކާޑުގެ ޕިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އަމިއްލައަށް ވަގުތުން ބަދަލުކޮށްލެވޭނެ ކަމަށެވެ. އަދި މި ހިދުމަތާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށްވެސް ޕޯސްޓް މެދުވެރިކޮށް ޕިން ހޯދުމަށް މަޑު ކުރަންނުޖެހި ވަގުތުން ކާޑުގެ ޕިން ބަދަލުކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓާ އެއްގޮތްވާގޮތުގެ މަތީން ތައާރަފްކުރެވުނު ހިދުމަތެއް ކަމަށާއި ބޭންކުން މިހާރު ވަނީ ވަރަށް ގިނަ ހިދުމަތްތަކެއް އޮންލައިން ކުރެވިފައިި ކަމަށެވެ.
"މީގެ ތެރޭގައި އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީވުމާއި ބޭންކުން އަލަށް ތައާރަފްކުރި އޮންލައިން ކިއުގެ ހިދުމަތްވެސް ފާހަގަކޮށްލަން. ޑިޖިޓަލް ޕިންގެ ހިދުމަތާއެކު މިހާރު ދޫކުރާ ގޮތައް ކަރުދާހުގައި ދޫކުރެވޭ ޕިން ލިބުމަށް ނަގާ ވަގުތު ސަލާމަތްވެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެހެން ދާނެ" ސޯޔަރ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 124 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.