Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ޖިންސީ އަނިޔާއަކީ ކުޑަ ކަމެކޭ ނުބުނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

އަންހެނަކަށް ޖިންސީ ގޯނާކުރުމަކީ ކުޑަ ކަމެއް ކަމަށް ނުދަންނަވާ ކަމަށާއި، ދެއްކި ވާހަކަތަކުގެ ހަގީގަތް މީޑިއާ އިން އޮޅުވާލަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ހޫނުފެނަށް ވެއްޓިފައިވަނީ މިއަހަރު ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން ރޭ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން އެ ޕްރޮގްރާމުގައި އިމްރާން ވަނީ އެ ހާދިސާ އަކީ "އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް" ކަމަށް ވިދާޅުވެފައެވެ. އަދި އެއީ "ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް" ކަމަށްވެސް އިމްރާން ވިދާޅުވެފައެވެ.

އިމްރާންގެ މި ވާހަކަތަކާ ގުޅިގެން އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާއެއް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ބޮޑު ކަމެއް ކަމަށެވެ. އަދި އެއީ ކުޑަ ކަމެއް ކަމަށް ބުނެފައި ނުވާނެ ކަމަށާއި އޭނާއާ ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އޭނާ ދެންނެވި އެއްޗެއްގެ ހަގީގަތް އޮޅޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ހުރިހާ ނޫސްވެރިން ވެސް މަސައްކަތުގެ ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަށް ވެސް ގޮވާލާފައެވެ.

"އަޅުގަނޑު ބުނި އެއްޗަކުން ގޯސް މާނައެއް އެއްވެސް ފަރާތަކަށް ދޭހަވިނަމަ އެއީ އަޅުގަނޑުގެ މަގުސަދު ނޫންކަން ސާފުކޮށް ދަންނަވަން. އަދި އޮޅުންއަރާފަދަ ބަހެއް ބުނެވިފައި އޮތްނަމަ މައާފަށް އެދެން" އިމްރާން ވިދާޅުވިއެވެ.

އިމްރާން ދެއްކެވި އެ ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ.