Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ބޭންކަކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅެފި

ބޭންކަކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅެފިއެވެ.

ފުލުހުން ބުނީ ބޭންކަކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ބަޔަކު ވެގެން ފޭރެން މަސައްކަތް ކުރި މައްސަލައެއް މިއަދު ހެނދުނު 11:47 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރު އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބޭންކް އޮފް ސިލޯން ކުރިމަތިންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ފޭރެން މަސައްކަތްކޮށްފައިވަނީ "ރޫޓް" ނަމަކަށް ކިޔާ ފިހާރައެއްގެ ފައިސާއެވެ.

އެގޮތުން ފައިސާ ޖަމާކުރަން ރޫޓްގެ ވޭނެއް ބޭންކުގެ ކުރިމައްޗަށް މަޑުކޮށްލައި ވޭނުގެ ދޮރު ހުޅުވާލުމާއެކު އެވަގުތު އެ ސަރަހައްދުގައި ދެ ސައިކަލަކުން ގޮސް ތިބި ހަތަރު މީހަކު ވަނީ ވޭނު ކައިރީގައި ތިބި އެ ފިހާރައިގެ މުވައްޒަފުން އެތަނުން ދުރަށްލައި ފައިސާ ފޭރެން މަސައްކަތްކޮށްފައެވެ.

ސައިކަލުގައި ދިޔަ 4 މީހުންގެ ތެރެއިން 3 މީހަކު ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު ހުރީ މާސްކެއް އަޅައިގެންނެވެ.

ފައިސާ ފޭރެން މަސައްކަތް ކުރުމުން އެސަރަހައްދުގައި ތިބި ގިނަ ބަޔަކު އެތަން ދޫކޮށްދާ މަންޒަރު ފެންނައިރު
ވެހިކަލުން ފޭބި މީހުންގެ ފޮނުވާލުމަށާއި އެމީހުންގެ ކިބައިން ފައިސާ ސަލާމަތްކުރުމަށް ބޭންކް އޮފް ސިލޯންގެ ސެކިއުރިޓީން މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.