Last Updated: July 19, 05:51
Saturday, July 19, 2025
ޚަބަރު

އައްޑޫގައި ޝޮޕިންގ މޯލްއެއް އެޅުމަށް ބިމެއް ކަނޑައަޅައިފި

ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގައި ޝޮޕިންގ މޯލްއެއް އެޅުމަށް ބިމެއް ކަނޑަ އަޅަން، އައްޑޫ ސިޓި ކައުންސިލުން ފާސްކޮށްފިއެވެ.

މި ހުށަހެޅުން ކައުންސިލަށް ހުށަހެޅީ ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް އެވެ. މި ހުށަހެޅުން ފާސްވީ ހަ ކައުންސިލަރުންގެ ތާއީދާއެކުއެވެ.

އެގޮތުން ކައުންސިލުން ބުނީ އައްޑޫގައި ޝޮޕިންގ މޯލް އެއް އެޅުމަށް ބިމެއް ހަމަޖެއްސުމަކީ އައްޑޫގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރަންޖެހޭ މުހިއްމު ކަމެއް ކަމަށް ފެންނާތީ، ހިތަދޫ މެދެއާރިމަގާއި، ހީނާމަގު، ގުޅުނު ސަރަހައްދުގައި އޮތް ހުސްބިން، ޝޮޕިންގ މޯލް އެއް އެޅުމަށް ރިޒާވް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ޝޮޕިންގ މޯލް އެޅުމުގައި ފިހާރަ، އޮފީސް، ތަފާތުއެކިއެކި ވިޔަފާރި، ސިނެމާ، ގޭމް ސެންޓަރ ތަކާއި، ވެހިކަލް ޕާރކްކުރާނެ ތަނާއި، ބަގީޗާ އަދި ޕާރކްތައް ހިމެނޭ ގޮތަށް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް، ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް އުޞޫލުން ޝޮޕިންގ މޯލްއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާނުކުރުމަށް ފެންނަ ކަމަށް ވެސް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.