Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލަން ނިކުތް ޒުވާނުންތަކެއް ހައްޔަރުކޮށްފި

ރޭޕް އާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން: ފޮޓޯ / މިހާރު

ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލަން ނިކުތް ޒުވާނުންތަކެއް ހައްޔަރުކޮށްފިއެވެ.

"އެންމެން ޖިންސީ ގޯނާއާ ދެކޮޅަށް" ނަމުގައި މާލޭގައި މިއަދު ހަވީރު ބޭއްވި އެއްވުމެއްގެ ތެރެއިން ހައްޔަރުކުރީ ވޮއިސް އޮފް ޗިލްޑްރެން އަށް ނިސްބަތްވާ ޒުވާނުންތަކެކެވެ.

ފުލުހުން ބުނީ އެ ޒުވާނުންތައް ހައްޔަރުކުރީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުން ކުރިއަށް ގެންދާތީ ނަސޭހަތްތެރިވުމުން ވެސް އެއްވުން ކުރިއަށް ގެންގޮސް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެގޮތުން އެއްވުމުގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފައިއެވެ. އެއީ ދެ ފިރިހެނުންނާއި ތިން އަންހެނުންނެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް ޒުވާނުންތަކެއް އަޑުއުފުލަން މިއަދު ނިކުތީ މިއަހަރު ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

އެގޮތުން އެ ޕްރޮގްރާމުގައި އިމްރާން ވަނީ އެ ހާދިސާ އަކީ "އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް" ކަމަށް ވިދާޅުވެފައެވެ. އަދި އެއީ "ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް" ކަމަށްވެސް އިމްރާން ވިދާޅުވެފައެވެ.

އިމްރާންގެ މި ވާހަކަތަކާ ގުޅިގެން އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާއެއް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ބޮޑު ކަމެއް ކަމަށެވެ. އަދި އެއީ ކުޑަ ކަމެއް ކަމަށް ބުނެފައި ނުވާނެ ކަމަށާއި އޭނާއާ ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އޭނާ ދެންނެވި އެއްޗެއްގެ ހަގީގަތް އޮޅޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ހުރިހާ ނޫސްވެރިން ވެސް މަސައްކަތުގެ ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަށް ވެސް ގޮވާލާފައެވެ.

އިމްރާން ދެއްކެވި އެ ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ.