Last Updated: July 19, 12:08
Saturday, July 19, 2025
ޚަބަރު

މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ބުނެފިއެވެ.

ޖޭއެސްސީން ބުނީ ޝުކޫރާ ގުޅޭގޮތުން އެ ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކުގެ ބާވަތަށާއި، އެ މައްސަލަތަކާ ގުޅިގެން ލިބިފައިވާ ހެއްކަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޝުކޫރު ވަގުތީގޮތުން 60 ދުވަހަށް މެޖިސްޓްރޭޓްކަމުގެ މަސައްކަތުން ދުރުކުރުމަށް އިއްޔެ ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ޝުކޫރު މަގާމުން ސަސްޕެންޑް ކުރަން ނިންމި އިރު، އޭނާ މެޖިސްޓްރޭޓްގެ މަގާމުން ވަކިކުރުމަށް ނިންމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ޝުކޫރު އެ މަގާމުން ވަކިކުރަން ނިންމީ އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ.ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއް ގޮތުގައި ހުރެ، ހައްޔަރުރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލުއާ ވިލިނގިލީ ރެސްޓޯރެންޓެއްގައި އިސްމެޖިސްޓްރޭޓް ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ތަހުގީގަށް ސާބިތުވެފައިވާތީ ކަމަށެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ގއ. ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާ އެކު އަޙްމަދު ޝުކޫރު ވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދު ކުރާ ކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމާއި، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގއ. ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، އަޙްމަދު ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައި ދިނުމަށް އެދިފައިވާ ކަން ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

އަދި 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވެސް ޢަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ޢަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައި ވެއެވެ.