Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ގާސިމްގެ ހަނގު އަންބަށް ހެލްތު މިނިސްޓަރުކަން ނުލިބި ސަލާމަތްވީ ކިރިޔާ

އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަނގު އަންބަށް ހެލްތު މިނިސްޓަރުކަން ނުލިބި ސަލާމަތްވީ ކިރިޔާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މިހާރު އައްޔަންކުރައްވާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މިނިސްޓަރު ނަސީމަށް މަރުހަބާ ދަންނަވާ ކަމަށާއި އެއީ ކޮވިޑް-19 ގެ ވެކްސިން ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ކިރިޔާ ސަލާމަތްވީ، ގާސިމްގެ ހަނގު އަންބަށް ވަޒީރުކަން ނުލިބި ދިޔަކަން" ޖާބިރު ވިދާޅުވިއެވެ.

އަދި އިޓަލީ ބަހުން ޖާބިރު ވަނީ ކޮވިޑްގެ ވެކްސިން ފަދަ ކަންކަން ރާއްޖޭގައި ހަމަޖެހިފައި ހުރި ކަމަށާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ ރައްޔިތުން ރާއްޖެ އައުމަށް ވެސް ގޮވާލާފައެވެ.

ޖާބިރު މިހެން ވިދާޅުވިއިރު ޖުމްހޫރީ ޕާޓީގެ ސްލޮޓަކަށް އެމްޑީޕީގެ ބޭފުޅަކު އައްޔަން ކުރުމުން އެ ޕާޓީން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިނިސްޓަރު އަމީން ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތަކުގެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭކަން އޮޑިޓަރ ޖެނެރަލްގެ ނެރުއްވި އޮޑިޓް ރިޕޯޓުން ފާހަގަކުރެވި އަދި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށެވެ.