Last Updated: July 21, 18:39
Monday, July 21, 2025
ޚަބަރު

މަނަވަރެއް އަންނަ ކޮންމެ ފަހަރަކު އެ އުޅެނީ ރާއްޖެ ހިފާކަށް ނޫން

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ރައީސް އޮފީސް

މަނަވަރެއް އަންނަ ކޮންމެ ފަހަރަކު އެ އުޅެނީ ރާއްޖެ ހިފަން ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވެފައިމިވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށާއި ރާއްޖޭގެ މިނިވަންކަން ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އޮންލައިން ނޫސް "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އިނގިރޭސިން ގަމުން ފައިބައިގެން ދިޔަފަހުން މިއަދާ ހަމައަށް ވެސް ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ނެތް ކަމަށާއި އެކަން މިއަދާއި ހަމައަށްވެސް އޮތީ އެގޮތަށް ކަމަށެވެ.

ނަމަވެސް ރާއްޖެއިން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އަދި ބޭރުގެ ބާރުގަދަ ބޮޑެތި ގައުމުތަކާ އެކުގައި އަސްކަރީ ތަފާތު އެކި ތަމްރީނުތައް ބާއްވާ ކަމަށާއި އެ ކަންކަން ކުރަނީ ވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން މާލޭގެ ބަނދަރަކީ ބައިނަލްއަގުވާމީ ދަތުރުފަތުރު ކުރުމުގެ މަގުގައި އޮންނަ ވަރަށް ފަސޭހަ ބަނދަރަކަށް ވާތީ އެކި ގައުމުތަކުގެ އަސްކަރީ މަނަވަރުތައް ރާއްޖެ އަންނަކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"މަނަވަރެއް އަންނަ ކޮންމެ ފަހަރަކު ރާއްޖެ ހިފަނީކީއެއް ނޫން. އެ އަންނަނީ ހަމަޖެހިފައި އޮންނަ އުސޫލުތަކެއްގެ ތެރެއިން ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިގެން އައިސް އެމީހުން މިތަނުގައި މަޑުކޮށްލާފައި އެދަނީ" ޝާހިދު ވިދާޅުވިއެވެ.

ގައުމުތަކާއެކު ހިންގާ މިފަދަ ތަމްރީނުތަކަކީ ބައިނަލްއަގުވާމީ އުސޫލުތަކުގެ ތެރެއިން ހިންގާ ތަމްރީނުތަކެއް ކަމަށާއި އެގައުމުތަކުން މިފަދަ ޕްރޮގްރާމްތައް ހިންގަމުން ދަނީ ހަމައެކަނި ރާއްޖެ އަށް އެކަނި ނޫންކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މައިގަނޑު އެއް ބޭނުމަކީ ކުއްލި ހާލަތަކަށް ތައްޔާރުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މި ސަރުކާރުން ރާއްޖޭގެ އެންމެ ވެލިފުކެއް ވެސް ބޭރު ބަޔަކަށް ނުދޭނެ ކަމުގެ ޔަގީންކަން ވެސް ޝާހިދު ވަނީ އަރުވާފައެވެ.