Last Updated: July 21, 18:39
Monday, July 21, 2025
ވިޔަފާރި

އެމްޓީސީސީ އަށް ތިންވަނަ ކުއާޓާގައި 51 މިލިއަން ރުފިޔާގެ ފައިދާ

އެމްޓީސީސީ އަށް ތިންވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީ އިން އާންމުކޮށްފައިވާ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން، އެ ކުންފުންޏަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 36 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ތިންވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް ލިބުނު އާމްދަނީ ވެސް ވަނީ އޭގެ ކުރީގެ ކުއާޓަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން ދެވަނަ ކުއާޓާގައި 248 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި އާމްދަނީ ވަނީ 350 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ތިންވަނަ ކުއާޓަރުގައި 60 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނުއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ވަނީ ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 86 މިލިއަން ރުފިޔާއެވެ. އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 69 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

އެމްޓީސީސީން މިދިޔަ ކުއާޓަރުގައި 11 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާއިރު، 70 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އަލަށް 12 މަޝްރޫއެއްގެ މަސައްކަތް ވެސް މިދިޔަ ކުއާޓަރުގައި ފަށާފައިވާ ކަމަށް މާލީ ރިޕޯޓުގައި ބުނެފައިވެއެވެ.