އެންޓި ކޮރަޕްޝަން ކޮމިޝަނުގެ (އޭސީސީ) މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ހުށަހެޅި ހުށަހެޅުން ފާހެއް ނުވިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މި ހުށަހެޅުން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
މި ހުށަހެޅުމަށް ވޯޓަށް އެހުމުން ތާއީދު ކުރެއްވީ އެންމެ ދެ މެމްބަރުން ކަމުން އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް އިތުރު ހުށަހެޅުމެއް ވެސް ވަނީ ހުށަހަޅާފައެވެ. އެއީ އޭސީސީގެ މެމްބަރުން ވަކިވަކިން ކޮމިޓީ އަށް ހާޒިރުކޮށްގެން އެ ކޮމިޝަނުގައި ހުރި މައްސަލަތައް ދެނެގަތުމަށް ހުށަހެޅި ހުށަހެޅުމެކެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމު (އަނދުން ހުސެއިން) އެވެ. އެ ހުށަހެޅުމަށް ހަ މެމްބަރަކު ވޯޓު ދެއްވުމުން އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.
ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ މި ހުށަހެޅުން ފާސްވުމުން އޭސީސީގެ މެމްބަރުންނާ ވާހަކަދެއްކެވުމަށްފަހު މެމްބަރުން ހާޒިކުރުމުގެ ކަންކަން ކޮމިޓީގައި ތާވަލު ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މަޖިލީހަށް މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ވަކިކުރުމުގެ މަސައްކަތް ފެށޭނީ ތަޅުމަށް ހުށަހަޅައި މަޖިލީހުގެ ރިޔާސަތުން އެ މެމްބަރަކު ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އިއުލާންކުރުމުންނެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހެޅިއިރު އެ ކޮމިޝަނުން މައްސަލަތަކުގައި ކުރާ ތަހުގީގުތަކާ މެދު އެމްޑީޕީގެ މެމްބަރުން މީގެކުރިން ވެސް ވަނީ ސުވާލު އުފައްދާފައެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަދަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހުއްޓައި، ކުދިކުދި މައްސަލަތައް އޭސީސީން ބަލަމުންދާތީ ވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އޭސީސީން ބުނީ އެމްއެމްޕީއާރްސީގެ މައްސަލަ އަކީ ދައުލަތުގެ އެކި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރާ މައްސަލައެއް ކަމަށާއި އެހެންކަމުން އެ މައްސަލަ ނިމޭނެ ތާރީހެއް ހަމައެކަނި އޭސީސީ އަށް ނުބެނެވޭނެ ކަމަށް ބުނެފައެވެ.